މަސްވެރިންގެ އަތުން ގަނެފައިވާ މަހަށް ނުދެވި ހުރި ފައިސާގެ ތެރެއިން، މިދިޔަ ހަފްތާތެރޭގައި އެކަނިވެސް 30 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، މިފްކޯއިން މަސްވެރިންނަށް ފައިސާ ދޫނުކުރާތާ 2 މަސްދުވަސްވެފައިވާ ކަމަށެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ނުވަތަ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދީ ނިންމުމަށް ކަމަށެވެ.
"30 މިލިއަން ރުފިޔާ މިހާރު ވަނީ ދެއްކިފައި، މިހާރު އޮތް ބެކްލޮގަށް ވަރަށް ބޮޑު ލުޔެއް އެއީ، މިއަންނަނީ ވީހާވެސް އަވަހަކަށް ދިނުމަށް ފިނޭންސް މިނިސްޓްރީ އާއި އެހެން މިނިސްޓްރީތަކާއި ގުޅިގެން މަސައްކަތްކުރަނީ،" ޝިޔާމް ވިދާޅުވިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މަސް ކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ. ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ހުރުމުގެ މައިގަނޑު އެއް ސަބަބަކީ މަހުގެ އަގު ކުރީ ސަރުކާރުން ބޮޑު ކުރުން ކަމަށެެވެ. އަދި އެއަގުގައި މަސް ގަންނަމުން ދިޔުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަަމަށެވެ.
"ޕްރައިވެޓު ސެކްޓަރއަކަށް ނެތް 25 ރުފިޔާއަށް ވިއްކޭކަށް، އެތަންތަނަކީ ވަރަށް ގިނަ މުވައްޒަފުން މަސައްކަތްކުރާ ތަންތަން، ވަޒީފާތައް ގެއްލުމަކީ އެތައް އާއިލާއަކަށް ލިބޭނެ ނިކަމެތި ކަމެއް، ހުރިހާ ފަރާތްތަކާއި ވާހަކަދައްކައިގެން އުނދަގޫ ނުވާ އަގަކަށް ހަދާނަން،" ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމާއި ބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރިން ބޭނުންވަނީ ދައުލަތަށް ބުރަ ނުވާނެ އަގެއްގައި މަހުގެ އަގު ހުރުން ކަމަށެވެ. އަދި މަސް ގަންނަ އަގު ބޮޑުކޮށްގެން ފައިސާ ނުލިބި ގިނަ ދުވަސްވުމަކީ މަސްވެރިންނަށް އޭގެ ސަބަބުން ގިނަ ގެއްލުންތަކެއް ކުރިމަތިވާކަމެއް ކަން ޝިޔާމް ފާހަގަކުރެއްވިއެވެ.
އެގޮތުން މިސަރުކާރުން މަސް ކިލޯގެ އަގު 20 ރުފިޔާއަށް ވުރެ ކުޑަ ނުކުރާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.