ޚަބަރު

ފަލަސްތީނަށް އެހީވުމަށް އެޗްޑީސީން ފަންޑް ރައިޒިން ހަރަކާތެއް ބާއްވަނީ


  • އިވެންޓް ބޭއްވުމަށް ނިންމާފައިވަނީ ހުޅުމާލެ ޑިސެމްބަރު 1ގައި ފޭސް 1، ރުއްގަނޑު 2ގައި

  • އިވެންޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހަވީރު 4-6 އަށް އަދި ރޭގަނޑު 8-10 އަށް

ފަލަސްތީނަށް އެހީވުމަށް ފަންޑް ރައިޒިންގ އިވެންޓެއް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ނިންމައިފިއެވެ.

ފަލަސްތީނުުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް އެޗްޑީސީން ކުރިއަށް ގެންދާ މިފަންރައިޒިން އިވެންޓް ބޭއްވުމަށް ނިންމާފައިވަނީ ހުޅުމާލެ ފޭސް 1، ރުއްގަނޑު 2 ގައެވެ. މިއިވެންޓް ކުރިއަށްދާނީ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހު ހަވީރު 4-6 އަކަށް އަދި ރޭގަނޑު 8-10 އަކަށެވެ.

އެޗްޑީސީންވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކާ މިމަހުގެ 3ވަނަ ދުވަހުވެސް ފަންޑް ރައިޒިންގ އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރާއްޖޭގައި އެކި ފަރާތްތަކުން އަންނަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

އެގޮތުން އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އައިއޭސީން ގެންދަނީ ފަލަސްތީނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އައިއޭސީންވަނީ ދިވެހީންގެ ހެޔޮ އެދުންތަކާއެކު ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ފައިސާއިން 28000 ލީޓަރުގެ ތެޔޮ ދީރް ބަލާ މުނިސިޕަލްޓީއަށް ފޯރުކޮށްދީފައެވެ.

އައިއޭސީން ހަދިޔާކުރި 28000 ލީޓަރުގެ ތެޔޮ ބޭނުންކުރަނީ ގޭގެއަށް ފެން ފޯރުކޮށްދޭ މައި ފެން ޕްލާންޓާއި، ނަރުދަމާ ޕްލާންޓްތައް ހިންގުމަށް ހިންގުމަށް ކަމަށް އައިއޭސީން ހާމަކޮށްފައިވެއެވެ.

އައިއޭސީން ހާމަކޮށްފައިވާ ގޮތުގައި 250،0000 ރައްޔިތުން އުޅޭ ދީރް ބާލާގައި ގެދޮރު ގެއްލިފައިވާ މީހުންނާއެކު އެއަދަދު 450،000 އަށް ވުރެ މައްޗަށް އަރައެވެ.

މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ އުދުވާންތައް ވަގުތީ ގޮތުން މެދުކަނޑާލަން އެއްބަސްވެ، އެއަށް އަމަލު ކުރަން ފަށާފައި ވަނީ ނޮވެންބަރު 24 ވީ ހުކުރު ދުވަހުގެ ހެނދުނެވެ. މި އެއްބަސްވުމުގެ ދަށުން ޙަމާސްއިން އަސީރުން މިނިވަން ކުރާއިރު، ޔަހޫދީން ހައްޔަރުކޮށް ޖަލަށް ލާފައިވާ ފަލަސްޠީނުގެ ކުޑަކުދިންނާއި، އަންހެނުންނާއި ޒުވާނުން ވެސް މިނިވަން ކުރުމަށް ވަނީ ނިންމާފައެވެ. މިއެއްބަސްވުމުގެ ގޮތުން ޣައްޒާއަށް އިންސާނީ އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ހުޅުވާލުމާއި ގުޅިގެން އެހީގެ ސާމާނު ބަރުކޮށްފައިވާ 137 އުޅަނދު ވަނީ ޣައްޒާއަށް ވަދެފައެވެ.

ޣައްޒާގައި ޔަހޫދީން ހިންގަމުން ދިޔަ ލާއިންސާނީ އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 14,800 އަށް ވަނީ އަރާފައެވެ. އޭގެ ތެރޭގައި 6,150 ކުޑަކުދިންނާއި 4,000 އަންހެނުން ހިމެނެއެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 36,000 އަށް އަރައެވެ.