ޚަބަރު

މިފްކޯއަށް ކަންނެލި ގަންނަން ފަށަން ދަނީ ތައްޔާރުވަމުން


  • މިފްކޯއަށް މިހާރު ގަންނަނީ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަނޑުމަހުގެ ބާވަތްތައް

  • މިފްކޯއަށް ކަންނެލި ގަންނަން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅެއް

  • ކަންނެލި ގަންނަން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވަޒީރު ވިދާޅުވި

މިފްކޯއަށް ކަންނެލި މަސް ގަންނަން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. މިފްކޯއަށް މިހާތަނަށް ގަންނަމުން އައިސްފައިވަނީ ދޮށީގެ މަސްވެރިކަމުގައި ބާނާ ކަނޑުމަހުގެ ބާވަތްތަކެވެ.

މިފްކޯއަށް ކަންނެލި ގަނެ، އެންމެ ދަށް އަގަކަށް 80 ރުފިޔާ ކަމަށް ކަނޑައެޅުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ވައުދުފުޅެކެވެ.

މިފްކޯގެ ހިންގުމަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ނުވަތަ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ މިފްކޯއަށް ކަންނެލި މަސް ގަތުމަށްޓަކައި ފެސިލިޓީތައް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
އެގޮތުން ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

" ކަންނެލި މިފްކޯއަށް ކިރާނެ ވާހަކައަކީ ރައީސްގެ ވައުދުފުޅެއް، މިފްކޯއަށް ކަންނެލި ކިރޭނެގޮތެއް ވީހާވެސް އަވަހަށް ހޯދުމުގެ މަސައްކަތްކުރަމުން މިދަނީ، އެގޮތުން ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށް މަސައްކަތްކުރަމުން މިދަނީ،" ޝިޔާމް ވިދާޅުވިއެވެ.

މިފްކޯގެ ހިންގުން ހަރުދަނާކޮށް، މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ "ހަފްތާ-14"ގައިވެސް ހިމެނޭ ކަމެކެވެ.

އެގޮތުން މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގުމަށް އެކަމާއި ގުޅޭ ކަރުދާހެއް މިހާރު ތައްޔާރުކުރައްވާފައިވާ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ވަޒީރު ޝިޔާމް ވިދާޅުވީ އެސްޓީއޯގެ ދަށުން މިފްކޯ ހިންގަމުން ދިޔުމަކީ މިފްކޯއަށް ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށެވެ. އެހެންކަމުން ވަކި ކުންފުންޏެއްގެގޮތުގައި މިފްކޯ ހިންގުމުން މިކަމަށް ހައްލު ލިބި، މަސްވެރިންނަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މީގެއިތުރުން މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ދުވެލިވެސް ހަލުވި ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ދެނެތުމަށް މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.