ޚަބަރު

ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކުރުމަށް ކޮންސަލްޓަންޓެއް ހޯދަނީ


  • އެސް.އޯ.އީ ރިފޯމް ކޮންސަލްޓަންޓެއް ހޯދުމަށް ވަނީ އިއުލާންކޮށްފައި

  • ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރާނީ ދެ މަރުހަލާއަކަށް ބަހާލައިގެން

  • ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އެއްކޮށްލައްވާނެ ކަމަށް ރައީސްވަނީ ވިދާޅުވެފައި

ސްޓޭޓް އޯން އެންޓަރޕްރައިޒަސް، އެސްއޯއީގެ ކަންކަން ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި ގުޅޭ ގޮތުން ކޮންސަލްޓަންސީ ދޭނެ ފަރާތައް ހޯދުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށްޓަވައިފިއެވެ.

މިމަސައްކަތް ކުރުމަށް ފިނޭންސް މިނިސްޓްރީން މިހާރުވަނީ އެސް.އޯ.އީ ރިފޯމް ކޮންސަލްޓަންޓެއް ހޯދުމަށް އިއުލާންކުރައްވާފައެވެ. އަދި މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައްވާފައެވެ.

ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ބިޑު އިވެލުއޭޓްކުރުމަށް ހަމަޖެހިފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ.

ކޮންސަލްޓަންޓްގެ ގޮތުގައި ހޮވާނީ ޓީ.އޯ.އާރުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ބަލައި ޓެކްނިކަލް އިވެލުއޭޝަނުން %80 އަށްވުރެ މަތިން މާކްސް ހޯދާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށެވެ.

މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 11ވަނަ ދުވަހު 13:30އަށެވެ.

އެސްއޯއީގެ ކަންކަން ހަރުދަނާ ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންތައްތަކާއި ގުޅޭ ގޮތުން ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް އެއްކޮށްލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މިވަގުތު ސަރުކާރު ހިއްސާވާ 31 ކުންފުނި އޮތް އިރު، މީގެތެރޭގައި ގެއްލުމުގައި ހިންގާ ކުންފުނިތައް ގިނައެވެ. މިކުންފުނިތައް ހިންގުމަށް ސަރުކާރުގެ ބަޖެޓުން އަންނަނީ ބޮޑު ހޭދައެއް ކުރަމުންނެވެ.