ޚަބަރު

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް، އަމާޒް ހާސިލްވާނެކަމުގެ އުއްމީދު ބޮޑު


  • މިމަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް 1،703،204 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

  • މިދިޔަ އަހަރާއި އަޅާ ބަލާއިރު 12.9 އިންސައްތަ އިތުރު

  • އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން

އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 03 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 1،703،204 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު، 12.9 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 1.5 މިލިއަން ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައިވަނީ ރަޝިއާ ފަތުރުވެރިންނެވެ. އަދި މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް:

* ރަޝިއާ – 193269 ފަތުރުވެރިން
* އިންޑިއާ – 185987 ފަތުރުވެރިން
* ޗައިނާ – 176803 ފަތުރުވެރިން
* އިނގިރޭސިވިލާތް – 139867 ފަތުރުވެރިން

މިއަހަރަށް ސަރުކާރުން އަމާޒު ކަނޑައަޅާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ. އަދި މި އަމާޒު ހާސިލްކުރުމަށް ދެެން ބޭނުންވަނީ ލައްކައެއްހާ ފަތުރުވެރިންނެވެ. މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހު 5000 ފަތުރުވެރިން އަންނަކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު، މިއަހަރުގެ އަމާޒު ޑިސެމްބަރުމަހުގެ ފަހު ހަފްތާތެރޭގައި ހާސިލްވާނެ ކަމަށް ލަފާކުރެއެވެ.

މިދިޔަ އަހަރު ސަރުކާރުން ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު އަހަރު ނިމުމުގެ 10 ދުވަސް ކުރިން ވަނީ ހާސިލްކޮށްފައެވެ.