ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގެ ގާނޫނީ މަސައްކަތް ކުރުމަށް 10 މިލިއަން ރުފިޔާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދިޔަ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި ސަރުކާރު އޮފީސްތަކުން ބަޖެޓަށް އިތުރު ކުރަން ފޮނުވާ ކަންތައްތައް ހުށަހަޅުއްވަމުން ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ގާނޫނީ މަސައްކަތް ކުރުމަށް 10 މިލިއަން ރުފިޔާ އެޓަރނީ ޖެނެރަލްގެ ބަޖެޓަށް އިތުރު ކުރައްވާފައިވާ ކަމަށެވެ.
ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރު ފަހުން، މިއަހަރު އިޓްލޮސްއިން ނިންމީ ރާއްޖެއިން އެދުނު ގޮތަށެވެ. އިޓްލޮސްއިން އޭޕްރީލް 28 ގައި ހުކުމް ކުރުމާ އެކު އޭރު ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި، ކަނޑުން ބައެއް "ވިއްކާލީ" ކަމަށް ތުހުމަތުކޮށް، އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރަން ޖެހޭ ކަމަށް ތަކުރާރުކޮށް ބުނަމުންދިޔައެވެ.
އިމުގެ މައްސަލަ އިސްތިއުނާފު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެމަނިކުފާނުގެ ރިޔާސީ ކެމްޕޭން ތެރޭގައި އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅަކީ ރާއްޖޭގައި ތިބި ބޭރުގެ ސިފައިން އަނބުރާ ފޮނުވާލުމާއި ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމެވެ.
އަދި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރުމަށް ރާވާފައިވާ ކަންތައްތަކުގެތެރޭގައިވެސް މިމައްސަލައާ ގުޅޭ މުޙިއްމު މަސައްކަތްތަކެއް ހިމެނެއެވެ. އެގޮތުން ރާއްޖޭގެ އެކްސްކުލޫސިވް އިކޮނޮމިކް (އީއީޒެޑް)ގެ ތެރެއިން ދެކުނުގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރުމަށްވަނީ ހިމަނާފައިވެއެވެ.