ކުޅިވަރު

"ބާސްކެޓުގެ ދެވަނަ ޑިވިޝަނުން ފެނިގެންދިޔައީ އުއްމީދީ ކުޅުންތެރިންތަކެއް"


ނިމިގެންދިޔަ ދެވަނަ ޑިވިޝަނުން ފެނިގެންދިޔައީ އުއްމީދީ ކުޅުންތެރިންތަކެއް ކަމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ސެކްރެޓަރީ ޖެނަރަލް ވިސާމް ރަޝީދު ވިދާޅުވެއްޖެއެވެ.

ޓީވީއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަމުން ވިސާމް ވިދާޅުވީ މި އަހަރުގެ މުބާރާތުގައި ޓީމުތަކުގެ މެދުގައި ވާދަވެރި ރޫހެއްގައި ހަމަހަމަ ފެނިގެންދިޔުމަކީ އެސޯސިއޭޝަނަށް ލިބިގެންދިޔަ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މުބާރާތުގެ ވާދެވެރިކަން ބޮޑުވުމުން މި އަހަރު މުބާރާތުގައި ފޯރިގަދަ ފައިނަލެއް ފެނިގެންދިޔަ ކަމަށާއި، މެޗުތަކުގައި ނަތީޖާއަށް ބަލާއިރު ނަތީޖާގެ ފަރަގު ބޮޑުނުވެ ގިނަ މެޗުތަކުގައި ކައިރިން ވާދަކުރެވުނުކަންވެސް ވިސާމް ވަނީ ފާހަގަކުރައްވާފައެވެ.

ވިސާމް ވިދާޅުވީ މި އަހަރު އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ މިދިޔަ އަހަރުގެ މުބާރާތުގައި ފާހަގަކުރެވުނު ކުޅުންތެރިން، މި އަހަރުގެ މުބާރާތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދުން ކަމަށެވެ.

"
މި ފަހަރުގެ މުބާރާތުގައި ޓީމުތައް ވާދަވެރިކޮށް، ޓީމުތައް ހަމަހަމަކޮށް ކުޅުނު މަންޒަރު ފެނިގެންދިޔަ. އެއީ އެސޯސިއޭޝަނަށް ލިބިގެންދިޔަ ހިތްހަމަޖެހުމެއް.
ވިސާމް ރަޝީދު - އެމްބީއޭގެ ސެކްރެޓަރީ ޖެނަރަލް

މި ފަހަރުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރީ ހަތް ޓީމެވެ. އޭގެ ތެރެއިން މުބާރާތުގެ ގަދަ ތިން ޓީމުގެ އެވްރެޖް އުމުރު އުޅުނީ 19 އަހަރުން ދަށުގައެވެ. އަދި މުބާރާތުގެ އެއްވަނަ ހޯދި ޓަލޮންސް ބާސްކެޓްބޯލް ކުލަބުގެ އެވްރެޖް އުމުރަކީ 17 އަހަރެވެ. ދެވަނަ ހޯދި ރޯޔަލްސް ބީސީގެ އެވްރެޖް އުމުރު 19 އަހަރެގައި އުޅުންއިރު، ތިންވަނަ ހޯދީ ސްޓިންގާސްގެ އުމުރަކީވެސް 19 އަހަރެވެ.

ވިސާމް ވިދާޅުވީ މި މުބާރާތާއެކު ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރޭވެނެ ފެންވަރު, އެ ކުޅުންތެރިން ސާބިތުކޮށްދިނުން ކަމަށެވެ.