ޚަބަރު

ސްކޫލް ބަންދާ ދިމާކޮށް މޯލްޑިވިއަނުން އިތުރު ދަތުރުތަކެއް


  • ބަންދުތެރޭގައި އަތޮޅުތެރޭގެ 7 މަންޒިލަކަށް ކުރާ ދަތުރުތައް ވަނީ އިތުރުކޮށްފައި

  • މިއީ ބަންދާއި ދިމާކޮށް އޮންނަ ޑިމާންޑްގެ ސަބަބުންގެ އެޅި ފިޔަވަޅެއް

ސްކޫލް ބަންދާއި ދިމާކޮށް ގައުމީ އެއަރލައިން، މޯލްޑިވިއަންއިން ރާއްޖޭގެ ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

މޯލްޑިވިއަންއިން ބުނީ ދަތުރުތައް އިތުރުކުރާނީ ޑިސެމްބަރު 18 އިން ފެށިގެން ޖެނުއަރީ 6 އާ ހަމައަށެވެ. އަދި ރާއްޖޭގެ 7 މަންޒިލަކަށް ކުރާ ދަތުރުތައްވެސް އިތުރުކުރުމަށް ނިންމާފައިވާކަމަށް އެއަރލައިނުން ބުނެއެވެ.

ޗުއްޓީ ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަނުން ދަތުރުތައް އިތުރުކޮށްފައިވާ މަންޒިލްތަކަކީ ފަރެސްމާތޮޑާ، ފުވައްމުލައް، ހަނިމާދޫ، ހޯރަފުށި، ފުނަދޫ، މާވަރުލުގެ އިތުރުން ތިމަރަފުށީ އެއާރޕޯޓަށެވެ. ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާ ގިނަ އެއާޕޯޓްތަަކަށް މޯލްޑިވިއަންއިން ދަތުރުތައް ބާއްވަނީ ހަފްތާކު 2 ދުވަހު ނުވަތަ 3 ދުވަހުއެވެ.

ޗުއްޓީއާ ދިމާކޮށް ދަތުރުތައް އިތުރުކުރުމުން، އާއްމުކޮށް ދަތުރުތައް އޮންނަ ދުވަސްތައް ފިޔަވައި އެހެން ދުވަސްތަކުގައިވެސް ދަތުރުތައް ބޭއްވުމަށް މޯލްޑިވިއަންއިން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ފުވައްމުލަކް އެއާރޕޯޓަށް ކޮންމެ ދުވަހަކު އޮންނަ ދެ ދަތުރުގެ އިތުރުން، މިމަހުގެ 22، 24 އަދި 25 ވަނަ ދުވަހާއި ޖެނުވަރީމަހުގެ 3، 4 އަދި 5 ވަނަ ދުވަހު އިތުރު ދަތުރެއް ބޭއްވުުމަށް ވަނީ ހަމަޖައްސާފައެވެ.

ހަނިމާދޫ އެއާރޕޯޓަށް ކޮންމެ ދުވަހަކު ދެ ދަތުރު މިހާރު އޮންނައިރު، ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހާއި 25 ވަނަ ދުވަހު އަދި ޖެނުއަރީ މަހުގެ 3 ވަނަ ދުވަހާއި 6 ވަނަ ދުވަހު އިތުރު ދަތުރެއް އޮންނާނެއެވެ.

ހޯރަފުށީ އެއާރޕޯޓަށް އާދީއްތަ، ބުދަ އަދި ހުކުރު ދުވަހު ދުވަހަކު މޯލްޑިވިއަންގެ ދަތުރު އޮންނައިރު މިގެނެވުނު ބަދަލާއެކު ޑިސެމްބަރުމަހުގެ 18 ވާ ހޯމަދުވަހާއި 23 ވާ ހޮނިހިރުދުވަހު އަދި ޖެނުއަރީ މަހުގެ 1 ވާ ހޯމަދުވަހާއި 4 ވާ ބުރާސްފަތިދުވަހު އިތުރު ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފުނަދޫ އެއާރޕޯޓަށް މިހާރު ދަތުރުތައް އޮންނަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. ނަމަވެސް މިމަހުގެ 22 ވާ ހުކުރުދުވަަހާއި 24 ވާ އާދީއްތަދުވަހު އަދި ޖެނުއަރީ 5 ވާ ހުކުރު ދުވަހު އިތުރު ފްލައިޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މާވަރުލު އެއާރޕޯޓަށް ކޮންމެ ހޯމަ ބުދަ އަދި ހުކުރު ދުވަހަކު ދަތުރުތައް އޮންނައިރު، މިމަހުގެ 21 ވާ ބުރާސްފަތިދުވަހާއި 23 ވާ ހޮނިހިރު ދުވަހު އަދި އަންނަ މަހުގެ 4 ވާ ބުރާސްފަތި ދުވަހު އިތުރު ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފަރެސްމާތޮޑާ އެއާރޕޯޓުގައި ކޮންމެ ހޯމަ ބުރާސްފަތި ދުވަހެއްގައި ދަތުރުތައް އޮންނައިރު 22 ޑިސެމްބަރުވާ ހުކުރު ދުވަހާއި އަދި 5 ޖެނުވަރީވާ ހުކުރު ދުވަހުވެސް އިތުރު ފްލައިޓެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ތިމަރަފުށީ އެއާޕޯޓަށް ކޮންމެ ހޯމަދުވަހަކާއި ބުރާސްފަތިދުވަހަކު މިހާރު އޮންނަ ދަތުރުތަކުގެ އިތުރުން، މިމަހުގެ 24 ވާ އާދީއްތަދުވަހު އިތުރު ދަތުރެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.

މޯލްޑިވިއަންއިން މިދަތުރުތައް އިތުރުކުރުމަށް ނިންމާފައި ވަނީ ސްކޫލްބަންދާއި ދިމާކޮށް ބޭސްފަރުވާއަށާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖޭގެ އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުން ގިނަވެ މޯލްޑިވިއަންގެ ދަތުރުތަކަށް އޮންނަ ޑިމާންޑް އިތުރުވާނެތީއެވެ. މީގެކުރިން އެހެން ބަންދުތަކާއި ދިމާކޮށްވެސް މިގޮތަށް މޯލްޑިވިއަންގެ ދަތުރުތައް އިތުރުކޮށްފައިވެއެވެ.