ޚަބަރު

ބަންކަރިންގެ ޚިދުމަތް ދެވޭ ފެންވަރުގެ ބަނދަރެއް ދެކުނުގައި ތަރައްޤީކުރާނަން: ސަޢީދު


  • މި ބަނދަރު ގާއިމްކުރުމަށް ރާވާފައިވަނީ ލ.ގާދޫގައި

  • ތިމާވެއްޓަށްވާނެ ގެއްލުން ބެލުމަށްފަހުގައި ނޫނީ މަޝްރޫޢު ނުފަށާނެ

  • މިއީ ހަފްތާ14ގައިވެސް ހިމެނޭ މަޝްރޫޢެއް

ސަރުކާރުގެ ވިސްނުން ހުރީ ދެކުނުގައި ބަންކަރިންގެ ޚިދުމަތް ދެވޭ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުން ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ނިންމާފައިވަނީ ލ.ގާދޫގައި މިފަދަ ބަނދަރެއް ތަރައްޤީކުރުމަށެވެ. ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ ޕްލޭގައި، 'ބަންްކަރިން' ޚިދުމަތްދެވޭ ގޮތަށް ގާދޫގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރުގެ މަޝްރޫޢަށް ބޭނުންވާ މަސައްކަތްތައް ފެށުން ހިމެނެއެވެ. އަދި މިމަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ސައީދުވަނީ މީގެކުރިން ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ ސަރުކާރުގެ ވިސްނުމުގައި، އިހަވަންދިއްޕޮޅު ވިޔަފާރި ބަނދަރުގެ މަޝްރޫޢާއި ލ.ގާދޫގެ ވިޔަފާރި ބަނދަރުގެ މަޝްރޫޢަކީ ވަކި ދެ މަޝްރޫޢެއް ކަމަށާއި، ސަރުކާރުގެ ވިސްނުން ހުރީ ކުރިން އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މަޝްރޫޢުވެސް ކުރިއަށް ގެންދިޔުމަށެވެ.

"ސަރުކާރުގެ ވައުދަކީ އިހަވަންދިއްޕޮޅުގައިވެސް ޕޯޓެއް ތަރައްޤީކުރުން، އަދި ލާމުގައިގައި ޕޯޓެއް ތަރައްޤީކުރުން، އެއީ ދެ ޗެނަލްއަކަށްވާތީ، އިހަވަންދިއްޕޮޅުގެ ޕޯޓު ލާމަށް ބަދަލުކުރީއެއް ނޫން،" އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ މަޝްރޫޢުތައް ކުރިއަށް ގެންދާނީ އެ މަޝްރޫޢުގެ ސަބަބުން ތިމާވެއްޓަށްވާ ގެއްލުން ބެލުމަށް ކުރަންޖެހޭ އެސެސްމަންޓަށް ފަހު ކަމަށެވެ. އަދި އެސެސްމަންޓުން އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ނުފެންނަ ނަމަ ސަރުކާރުން އެމަޝްރޫޢެއް ކުރިއަށް ނުގެންދާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ސައީދު ވިދާޅުވީ ރާއްޖޭގައި ޓްރާންސްޝިޕްމަންޓު ބަނދަރު ތަރައްޤީކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. ސަބަބަކީ ރާއްޖޭގައި ޓްރާންސިޓުކުރާނެ މުދާ ނެތުމެވެ.

"ޓްރާންސްޝިޕްމަންޓު މިއަންނަނީ ކާގޯ ހުރެގެން، ޓްރާންޝިޕްކުރާނެ ކާގޯ ހޯދަން އެބަޖެހޭ، އެ ކޯގޯ ހުރިތޯ ނޫންތޯ. އެއީ އިންވެސްޓުކުރަން އަންނަ ފަރާތެއް އެކަން ޑިސައިޑުކުރާނީ،" އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވިއެވެ.

ސަޢީދު ވަނީ ބަންކަރިންގެ ޚިދުމަތަކާއި ގުޅޭ މަސައްކަތްތަކެއް އެސްޓީއޯއިން ކުރުމަށް ބޭރުގެ ކުންފުންޏަކާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަަމަށެވެ. އަދި މި ސަރުކާރުން މިފަދަ އެއްވެސް މަޝްރޫޢެއް ނުހުއްޓުވާނެކަމުގެ ޔަޤީންކަން އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ދެއްވިއެވެ.