ޚަބަރު

ދިރާސާވެރިންގެ ގުރޫޕުގައި ހިމެނޭނީ 35 އަހަރުން ދަށުގެ ޒުވާނުން: އާދަމް ނަޞީރު


  • ދިރާސާވެރީންގެ ގުރޫޕުގައި ހިމެނުމަށް ފުރަތަމަ ޑިގްރީއެއް އޮންނަން ޖެހޭނެ

  • ފުރަތަމަ 6 މަސްދުވަހު ދިރާސާ ކުރުމަށްފަހު، ދިރާސާވެރީން ދެން ފަށާނީ ޢިލްމު ފޯރުކޮށްދޭން

  • ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި ދިވެހި ތާރީޚާއި، އިންސާނީ އަސްލުތަކާއިގުޅޭ ޢިލްމުތައް ހިމެނޭ

ޤައުމިއްޔަތުގެ ބަހާތަކާއި ގުޅުންހުރި ޢިލްމުތައް ދިރާސާ ކުރުމަށް އުފައްދާ ދިރާސާވެރިންގެ ގުރޫޕުގައި ހިމެނޭނީ 35 އަހަރުން ދަށުގެ ޒުވާނުންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ދިވެހިބަހާބެހޭ ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، ދިރާސާވެރިންގެ ގުރޫޕުގައި ހިމެނޭނީ ވަކި ޚާއްސަ ޝަރުތުތަކެއް ފުރިހަމަވެފައިވާ ފަރާތްތަކެއް ކަމަށެވެ.

މި ޝަރުތުތަކުގެ ތެރޭގައި 35 އަހަރަށްވުރެ ހަގުވުމާއި، ކޮންމެވެސް ދާއިރާއަކުން ފުރަތަމަ ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ތަޖުރިބާއާއި ޤާބިލިއްޔަތު ހުރުން ހިމެނެއެވެ. އަދި ދިރާސާވެރިއަކަށްވުމަށް ދިވެހިބަހުގެ ޑިގްރީއެއް އޮތުން ލާޒިމް ނޫންކަމަށްވެސް އާދަމް ނަޞީރު ވިދާޅުވިއެވެ.

އާދަމް ނަޞީރު ވިދާޅުވީ، ދިރާސާތައް ފަށާއިރު، އެންމެ ފުރަތަމަ ހަރަކާތްތެރިވާނީ 50 ދިރާސާވެރިން ކަމަށެވެ. އަދި ދިރާސާ ކުރާނީ 6 މަސް ދުވަހުގެ މުއްދަތަކަށްކަމަށާއި، އެ މުއްދަތަށްފަހު، ދިރާސާއިން ހޯދުނު ޢިލްމުތައް، ސިވިލް ސާވަންޓުންނަށް ކިޔަވާދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ޢިލްމުތަކުގެ މައްޗަށް ފޮތްތައް ލިޔެ ޝާޢިރުކުރެވި، މަދަރުސާތަކަށާއި، ޢާންމު ތަންތަނުގައި ޢިލްމު ފޯރުކޮށްދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ފުރަތަމަ 6 މަސްދުވަހުގެ މަސައްކަތަށްފަހު، އަޅުގަނޑުމެންގެ ދިރާސާވެރިން އެހެން ފަރާތްތަކަށް ޢިލްމު ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާނެ." އާދަމް ނަޞީރު ވިދާޅުވިއެވެ.

ޤައުމިއްޔަތުގެ ބަހާތައް ކިޔަވާދިނުމަށް އުފައްދަވާ ޤައުމިއްޔަތުގެ ކޮލެޖާއި ގުޅޭގޮތުންވެސް ވާހަކަފުޅުދައްކަވަމުން އާދަމް ނަޞީރު ވިދާޅުވީ، ޤައުމިއްޔަތުގެ ކޮލެޖުގައި ކިޔަވައިދޭން ފަށާއިރު، ދިވެހި ތާރީޚާއި، އިންސާނިއްޔަތުގެ އަސްލުތަކާއި ގުޅޭ މާއްދާތައް ކިޔަވާދެވޭނެ ކަމަށެވެ. އަދި ކޮލެޖުން އެއްވެސް ސަނަދެއް ދެއްވާނެތޯ ސުވާލުކުރުމުން އާދަމް ނަޞީރު ވިދާޅުވީ، ކޮލެޖަކީ ސިކުނޑިތަކެއް ބިނާކުރުމަށް އުފައްދަވާ ތަނެއްކަމަށާއި، ސަނަދެއް ދިނުމުގެ ވިސްނުން އަދި ނުގެންގުޅުއްވާ ކަމަށެވެ.

ދިވެހި ޤައުމިއްޔަތާއި، އިންސާނީ ފަލްސަފާތަކާއި ގުޅޭ އެކި ޢިލްމުތަކަށް ޚާއްސަކޮށްގެން، ރާއްޖޭގައި ކޮލެޖެއް އުފައްދާ މިއީ ފުރަތަމަ ފަހަރެވެ. ކޮލެޖުގެ އިތުރުން، މީގެ 20 އަކަށް އަހަރު ކުރިން، ސަރުކާރުން ހިންގެވި ޤައުމީ ޗާޕުޚާނާވެސް، މި ސަރުކާރުން ވަނީ އަލުން އިޢާދަކުރުމަށް ނިންމަވާފައެވެ. ޤައުމީ ޗާޕުޚާނާއަކީ ލިޔުންތެރިންނަށް، އެ މީހުންގެ ފޮތްތައް ފަސޭހައިން މާލީ ބުރަޔަކާއި ނުލައި ޗާޕުކޮށް، ފިހާރަތަކަށް ނެރެވޭނެ މަގު ފަހިކޮށްދިނުމަށް، ރާއްޖޭގައި ހިންގި މަޝްރޫޢެކެވެ.