ޚަބަރު

ކެމްޕެއިނަށް އެންމެ ގިނައިން ޚަރަދުކުރެއްވީ ޤާސިމާއި، ނާޒިމާއި، ރައީސް ޞާލިޙް


  • މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނުން ވަނީ ޢާންމުކޮށްފަ

  • އެންމެ ގިނަ އެހީ ލިބިފައިވަނީ ޤާސިމަށް

  • އެންމެ މަދުން ކެމްޕެއިނަށް ޚަރަދުކުރީ ޒަމީލް

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅުއްވި މާލީ ބަޔާންތައް، އެ ކޮމިޝަނުން ހާމަކުރައްވާފިއެވެ.

އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކުރާގޮތުން އިންތިޚާބާ ގުޅިގެން ކެންޑިޑޭޓު ކުރައްވާފައިވާ ޚަރަދުގެ ތަފުސީލާއި އިންތިޚާބަށް ޚަރަދު ކުރެއްވުމަށް ފައިސާ ހޯއްދެވި ގޮތުގެ ތަފުސީލު މާލީ ބަޔާނުގައި ހިމަނަންޖެހެއެވެ. އަދި ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލާއި ބޭންކު އެކައުންޓުން ކުރައްވާފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެހެން ބޭންކު ސްޓޭޓްމަންޓާއި ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، ބިލުގެ ކޮޕީވެސް ހުށައަޅުއްވަން ޖެހެއެވެ.

ރިޔާސީ އިންތިޚާބުގައި ކޮންމެ ކެނޑިޑޭޓަކަށްވެސް ގިނަ ވެގެން ޚަރަދުކުރެވޭނީ ގިނަވެގެން 564 މިލިއަން ރުފިޔާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވެއެވެ. ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.

އިލެކްޝަނުން މިއަދު ހާމަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން ދައްކާ ގޮތުން، އެހީގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ ޖުމްހޫރީ ޕާޓީން ވާދަކުރެއްވި ކެންޑިޑޭޓް ޤާސިމް އިބްރާހިމަށެވެ. އެގޮތުން، އެހީގެ ގޮތުގައި ޤާސިމަށް ޖުމްލަ 15 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މި ފައިސާއަކީ އެކިއެކި ޤާނޫނީ ޝަޚުސުތަކުން ލިބިފައިވާ ފައިސާއެވެ. އަދި ކެންޑިޑޭޓުގެ އަމިއްލަ ފައިސާގެ ގޮތުގައި 1 ލައްކަ ރުފިޔާ އިންތިޚާބަށް ބޭނުންކުރުމަށް އެކައުންޓަށް ވަނީ ޖަމާކޮށްފައެވެ.

އިންތިޚާބީ ކަންކަމަށް ޤާސިމަށް ލިބިވަޑައިގެންނެވި ތަކެތީގެ ޖުމްލަ އަގަކީ 5.2 މިލިއަން ރުފިޔާއެވެ. އިންތިޚާބީ ކަންކަމަށް ޤާސިމް އެއްކުރި ފައިސާގެ ޖުމްލަ އަދަދަކީ 20 މިލިއަން ރުފިޔާއެވެ. ޖުމްލަ ފައިސާގެ ތެރެއިން ޤާސިމް ވަނީ 19.5 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައެވެ.

އިލެކްޝަނުން ހާމަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާން ދައްކާ ގޮތުން ދެވަނައަށް އެހީގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިވަޑައިގަތީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކެންޑިޑޭޓް މުޙައްމަދު ނާޒިމަށެވެ. އެގޮތުން، އެހީގެ ގޮތުގައި ނާޒިމަށް ޖުމްލަ 12.3 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މި ފައިސާގެ ތެރެއިން އެކިއެކި ޤާނޫނީ ޝަޚުސުތަކުން 5.9 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާއިރު، ވަކިވަކި ފަރުދުންގެ ފަރާތުން 6.3 މިލިއަން ރުފިޔާ ނާޒިމްގެ ކެމްޕެއިނަށް ވަނީ ލިބިވަޑައިގެންފައިވެއެވެ. އަދި ކެންޑިޑޭޓުގެ އަމިއްލަ ފައިސާގެ ގޮތުގައި 730،000 ރުފިޔާ އިންތިޚާބަށް ބޭނުންކުރުމަށް އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ.

ނާޒިމްގެ މާލީ ބަޔާނުގައި ވަނީ އިންތިޚާބީ ކަންކަމަށް އެއްވެސް ތަކެއްޗެއް ލިބިފައިނުވާ ކަމަށެވެ. އިންތިޚާބީ ކަންކަމަށް ނާޒިމް އެއްކުރި ފައިސާގެ ޖުމްލަ އަދަދަކީ 13 މިލިއަން ރުފިޔާއެވެ. ޖުމްލަ ފައިސާގެ ތެރެއިން ނާޒިމް ވަނީ 13 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައެވެ.

އިލެކްޝަނުން ހާމަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން ދައްކާ ގޮތުން ތިންވަނައަށް އެހީގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިވަޑައިގަތީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓް، ކުރީގެ ރައީސް، އިބްރާހިމް މުޙައްމަދު ޞާލިހަށެވެ. އެގޮތުން، އެހީގެ ގޮތުގައި ރައީސް ޞާލިހަށް ޖުމްލަ 6.9 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މި ފައިސާގެ ތެރެއިން އެކިއެކި ޤާނޫނީ ޝަޚުސުތަކުން 4.9 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާއިރު، ވަކިވަކި ފަރުދުންގެ ފަރާތުން 2 މިލިއަން ރުފިޔާ ރައީސް ޞާލިހުގެ ކެންޕެއިނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އަމިއްލަ ފައިސާ އިންތިޚާބީ ކަންކަމަށް، ރައީސް ޞާލިހު ބޭނުންކުރައްވާފައެއް ނުވެއެވެ.

އިންތިޚާބީ ކަންކަމަށް ރައީސް ޞާލިހަށް ލިބިވަޑައިގެންނެވި ތަކެތީގެ ޖުމްލަ އަދަދަކީ 3.5 މިލިއަން ރުފިޔާއެވެ. ރައީސް ޞާލިހަށް ލިބިވަޑައިގެންނެވި ފައިސާގެ ޖުމްލަ އަދަދަކީ 6.9 މިލިއަނެވެ. އިންތިޚާބަށް ލިބިވަޑައިގެންނެވި ޖުމްލަ ފައިސާގެ ތެރެއިން ރައީސް ޞާލިހު ވަނީ 6.8 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައެވެ.

މާލީ ބަޔާންތައް ދައްކާގޮތުން ހަތަރުވަނައަށް އެންމެ ގިނަ ފައިސާ އެހީގެ ގޮތުގައި ލިބިވަޑައިގެންފައިވަނީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށެވެ. އެގޮތުން، އެހީގެ ގޮތުގައި އިލްޔާސަށް ޖުމްލަ 2.4 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މި ފައިސާއަކީ ވަކިވަކި ފަރުދުންގެ ފަރާތުން ލިބިވަޑައިގެންނެވި ފައިސާއެވެ. އަދި ކެންޑިޑޭޓުގެ އަމިއްލަ ފައިސާގެ ގޮތުގައި 62،200 ރުފިޔާ އިންތިޚާބަށް ބޭނުންކުރުމަށް އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ.

އިލްޔާސްގެ މާލީ ބަޔާނުގައި ވަނީ އިންތިޚާބީ ކަންކަމަށް އެއްވެސް ތަކެއްޗެއް ލިބިވަޑައިގެންފައި ނުވާކަމަށެވެ. އިލްޔާސް އެއްކުރި ފައިސާގެ ޖުމްލަ އަދަދަކީ 2.5 މިލިއަނެވެ. ޖުމްލަ ފައިސާގެ ތެރެއިން އިލްޔާސް ވަނީ 2.5 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައެވެ.

މާލީ ބަޔާންތައް ދައްކާގޮތުން ފައިސާ އެހީގެ ގޮތުގައި 5 ވަނައަށް އެންމެ ގިނަ ފައިސާ ލިބިވަޑައިގެންފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެންޕެއިނަށެވެ. އެގޮތުން، އެހީގެ ގޮތުގައި ރައީސް ޑރ. މުޢިއްޒަށް ޖުމްލަ 2.1 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މި ފައިސާގެ ތެރެއިން އެކިއެކި ޤާނޫނީ ޝަޚުސުތަކުން 2 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. ވަކިވަކި ފަރުދުންގެ ފަރާތުން 115،000 ރުފިޔާ ރައީސް ޑރ. މުޢިއްޒުގެ ކެންޕެއިނަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ކެންޑިޑޭޓު އަމިއްލަ ފައިސާ އިންތިޚާބީ ކަންކަމަށް، ރައީސް ޑރ. މުޢިއްޒު ބޭނުންކުރައްވާފައެއް ނުވެއެވެ.

އިންތިޚާބީ ކަންކަމަށް ރައީސް ޑރ. މުޢިއްޒަށް ލިބިވަޑައިގެންނެވި ތަކެތީގެ ޖުމްލަ އަގަކީ 19.2 މިލިއަން ރުފިޔާއެވެ. އަދި ލިބިވަޑައިގެންނެވި ފައިސާގެ ޖުމްލަ އަދަދަކީ 2.1 މިލިއަން ރުފިޔާއެވެ. އިންތިޚާބަށް ލިބިވަޑައިގެންނެވި ޖުމްލަ ފައިސާގެ ތެރެއިން ރައީސް ޑރ. މުޢިއްޒު ވަނީ 1.9 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައެވެ.

މާލީ ބަޔާންތައް ދައްކާގޮތުން 6 ވަނައަށް އެންމެ ގިނަ އެހީ ލިބިވަޑައިގަތީ އަމިއްލަގޮތުން ވާދަކުރެއްވި ފާރިސް މަޢުމޫނަށެވެ. އެގޮތުން، އެހީގެ ގޮތުގައި ފާރިސްއަށް ޖުމްލަ 9 ލައްކަ ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މި ފައިސާއަކީ ވަކިވަކި ފަރުދުންގެ ފަރާތުން ލިބިވަޑައިގެންނެވި ފައިސާއެވެ. އަދި ކެންޑިޑޭޓުގެ އަމިއްލަ ފައިސާގެ ގޮތުގައި 262،700 ރުފިޔާ އިންތިޚާބަށް ބޭނުންކުރުމަށް އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ.

ފާރިސްގެ މާލީ ބަޔާނުގައި ވަނީ އިންތިޚާބީ ކަންކަމަށް އެއްވެސް ތަކެއްޗެއް ލިބިވަޑައިގެންފައިނުވާ ކަމަށެވެ. ފާރިސް އެއްކުރި ފައިސާގެ ޖުމްލަ އަދަދަކީ 1.1 މިލިއަނެވެ. ޖުމްލަ ފައިސާގެ ތެރެއިން ފާރިސް ވަނީ 1.1 މިލިއަން ރުފިޔާ ޚަރަދުކުރައްވާފައެވެ.

މާލީ ބަޔާންތައް ދައްކާގޮތުން އަމިއްލަގޮތުން ވާދަކުރެއްވި ކެނޑިޑޭޓު ޙަސަން ޒަމީލަށް އެހީގެ ގޮތުގައި 5،500 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މި ފައިސާއަކީ ވަކިވަކި ފަރުދުންގެ ފަރާތުން ލިބިވަޑައިގެންނެވި ފައިސާއެވެ. އަދި ކެންޑިޑޭޓުގެ އަމިއްލަ ފައިސާގެ ގޮތުގައި 10،000 ރުފިޔާ އިންތިޚާބަށް ބޭނުންކުރުމަށް އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ.

އިންތިޚާބީ ކަންކަމަށް ޒަމީލަށް ލިބިވަޑައިގެންނެވި ތަކެތީގެ ޖުމްލަ އަގަކީ 11،259 ރުފިޔާ 68 ލާރިއެވެ. ޒަމީލް އެއްކުރި ފައިސާގެ ޖުމްލަ އަދަދަކީ 15،500 ރުފިޔާއެވެ. ޖުމްލަ ފައިސާގެ ތެރެއިން ޒަމީލް ވަނީ 16،259.68 ރުފިޔާ ޚަރަދުކުރައްވާފައެވެ.


މާލީ ބަޔާންތައް ދައްކާގޮތުން އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވި ޢުމަރު ނަޞީރަަށް އެހީގެ ގޮތުގައި ލިބިވަޑައިގެންނެވީ 1،000 ރުފިޔާއެވެ. މި ފައިސާއަކީ ވަކިވަކި ފަރުދުންގެ ފަރާތުން ލިބިވަޑައިގެންނެވި ފައިސާއެވެ. އަދި ކެންޑިޑޭޓުގެ އަމިއްލަ ފައިސާގެ ގޮތުގައި 285،950 ރުފިޔާ އިންތިޚާބަށް ބޭނުންކުރުމަށް އެކައުންޓަށް ވަނީ ޖަމާކުރައްވާފައެވެ.

އިންތިޚާބީ ކަންކަމަށް ޢުމަރަށް ލިބިވަޑައިގަތް ތަކެތީގެ ޖުމްލަ އަގަކީ 35،000 ރުފިޔާއެވެ. ޢުމަރު އެއްކުރެއްވި ފައިސާގެ ޖުމްލަ އަދަދަކީ 286،950 ރުފިޔާއެވެ. ޖުމްލަ ފައިސާގެ ތެރެއިން ޢުމަރު ވަނީ 285،950 ރުފިޔާ ޚަރަދުކުރައްވާފައެވެ.

އިންތިޚާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ފުރިހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ 3 ކެންޑިޑޭޓެއް ކަމަށެވެ. އެއީ ރައީސް ރައީސް ޑރ. މުޢިއްޒާއި، ކުރީގެ ރައީސް ޞާލިޙާއި، ޤާސިމް އިބްރާހިމެވެ.