ޚަބަރު

ވީއައިއޭގައި އެފް.އެންޑް.ބީ 2 އައުޓްލެޓް ހުޅުވައިފި


  • މިއީ ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗް.އެމް.އެސް ހޯސްޓްއިން ހުޅުވި 2 އައުޓްލެޓް

  • މިއީ 2018ވަނަ އަހަރުން ފެށިގެން އެއަރޕޯޓުގައި ރެސްޓޯރަންޓް ހިންގަމުން އަންނަ ދެކުންފުނި

ދިވެހިރާއްޖޭގެ މައި ވައިގެބަނދަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މުޅިން އަލަށް ފުޑް އެންޑް ބެވަރޭޖް 2 އައުޓްލެޓް މިއަދު ހުޅުވައިފިއެވެ. އެމްއޭސީއެލްއިން ވިދާޅުވީ މިދެ އައުޓްލެޓަކީ ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗް.އެމް.އެސް ހޯސްޓުން ހުޅުވި އައުޓްލެޓްތައް ކަމަށެވެ.

ވީއައިއޭގައި ހުޅުވި ދެ އައުޓުލެޓްގެ ތެރެއިން ގްރޭޕް އެކްސްޕެކްޓޭޝަންއިން ހުޅުވީ، އެ ކުންފުނީގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ދަ ގްރޭޕް"އެވެ. މިއީ އެކުންފުނީގެ މިފަދަ ފުރަތަމަ އައުޓުލެޓެވެ. އަދި އެޗް.އެމް.އެސް ހޯސްޓް މޯލްޑިވްސްއިން ހުޅުވާފައި މިވަނީ ކޭ.އެފް.ސީ، ކޮސްޓާ ކޮފީގެ އިތުރުން ގްރެބް އެންޑް ފްލައިއިން ހިންގާ އައުޓްލެޓެކެވެ. މިދެެކުންފުންޏަކީ 2018ވަނަ އަހަރުން ފެށިގެން އެއަރޕޯޓުގައި ރެސްޓޯރަންޓް ހިންގަމުން އަންނަ ދެކުންފުޏެވެ.

މިއައުޓުލެޓްތައް ހުޅުއްވާދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި، ގްރޭޕް އެކްސްޕެކްޓޭޝަންސްގެ އެމް.ޑީ، އާމިރު މަންސޫރާއި، އެޗް.އެމް.އެސް ހޯސްޓުގެ އޮޕަރޭޝަންސް މެނޭޖަރ ސްރަވަން ޕަޓްނައިކެވެ.

މިއައުޓްލެޓްތައް ހުޅުއްވާދެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް ވިދާޅުވީ އެކުންފުނީގެ އަމާޒަކީ ވީއައިއޭއިން ޚިދުމަތް ހޯދާ ފަސިންޖަރުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި މިހުޅުވުނު އައުޓުލެޓްތަކުން ދަތުރުވެރިންނަށް ރަނގަޅު ޚިދުމަތެއް ލިބޭނެ ކަމަށް ޔަޤީންކުރައްވާ ކަމަށް އިބްރާހީމް ޝަރީފް ވިދާޅުވިއެެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ (ފިހާރަތައް ހުޅުވުމާއިއެކު) މީގެ ސަބަބުން ފުރަން އަންނަ ޕަސެންޖަރުންނަށް އިތުރު ޚިދުމަތްތަކެއް ފޯރުކޮށްދިނުން. އަދި އަޅުގަނޑުމެންގެ އަމާޒަކީ މިފަދަ ފަރާތްތަކާއި ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ޚިދުމަތް ހޯދާ ޕަސިންޖަރުންނާއި އެހެނިހެން ފަރާތްތަކަށް އިތުރަށް ކަންކަމުގައި ފަސޭހަވެ، ފަސޭހައިން އެބޭފުޅުން ބޭނުންވާ ކަންތައްތައްވުން." ޝަރީފް ވިދާޅުވިއެވެ.

ވީއައިއޭ އިންޓަރނޭޝަނަލް ޑިޕާޗަރ ފޯރކޯޓު ހަދަން އެމްއޭސީއެލްއިން ނިންމީ މިސަރަހައްދުން ދަތުރުވެރިންނަށް އިތުރު ބާވަތްތަކާއި އިތުރު ބްރޭންޑްތައް ފޯރުކޮށްދިނުމުގެ އިތުރުން ދަތުރުންވެރިންނަށް އެއަރޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ.