ޚަބަރު

އިންތިޚާބަކާ ނުލައި 12 ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް މެންބަރުން ކަށަވަރުވެއްޖެ


  • 13 ރަށުގެ ބައި އިލެކްޝަންގެ ތެރެއިން 12 ރަށެއްގެ ގޮނޑިވަނީ ކަށަވަރުވެފައި

  • ބައި އިލެކްޝަން ބާއްވަން ޖެހެނީ މ. މުލަކުގެ ޑަބްލިއުޑީސީން ހުސްވެފައިވާ ގޮނޑީގެ

އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގެ ތެރެއިން 12 ރަށެއްގެ ގޮނޑި އިންތިޚާބަކާ ނުލައި ކަށަވަރުވެއްޖެއެވެ.

އަންނަމަހުގެ 13 ވަނަ ބޭއްވުމަށް ނިންމާފައިވާ ބައި-އިލެކްޝަންތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ބައި-އިލެކްޝަންގައި 12 ރަށެއްގެ ގޮނޑިއަށް އެންމެ ފަރާތަކުން ކުރިމަތިލާފައިވާތީ އެ ރަށްރަށުގެ ބައި-އިލެކްޝަން ނުބާއްވާނެ ކަމަށެވެ. އެއީ އިންތިޚާބާނުލައި އެބޭފުޅުން އިންތިޚާބުވެވަޑައިގަތުމުންނެވެ.

"ޖެނުއަރީމަހުގެ 13 ވަނަ ދުވަހު ބާއްވަން ކޮމިޝަނުން އިޢުލާނުކުީ 13 ބައި-އިލެކްޝަނެއް. އެ 13 ބައި-އިލެކްޝަނުގެ ތެރެއިން 12 ރަށެއްގެ ބައި-އިލެކްޝަނަށް އެންމެ ފަރާތަކު ކުރިމަތިލާފައިވާތީ، ބައި-އިލެކްޝަން ނޯންނާނެ. އެ ފަރާތްތައް ވަނީ ހޮވިފައި." ޙަބީބް ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ، ދެން ބައި-އިލެކްޝަން އޮންނާނީ މ. މުލަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް އެކަނި ކަމަށެވެ. މި މަޤާމަށް ދެ މީހަކު ކުރިމަތިލައްވާފައިވާކަމަށް ޙަބީބް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަނަށް ހުޅުވާލި 18 ރަށުގެ ތެރެއިން، އެއްވެސް ފަރާތަކު ކުރިމަތި ނުލައި 6 ރަށެއްވާ ކަމަށެވެ. އެއީ ރ. ރަސްގަތީމު، ބ. ކެންދޫ، އއ. ތޮއްޑޫ، ވ. ތިނަދޫގެ އިތުރުން މ. ރަތްމަންދޫ އަދި ފ. ބިލެތްދޫއެވެ. މީގެ ތެރެއިން، ވ. ތިނަދޫއަށް 5 މެންބަރަކު އިންތިޚާބު ކުރާއިރު، ދެން ކޮންމެ ރަށަކަށް އިންތިޚާބު ކުރާނީ އެންމެ މެންބަރެއްކަމަށް ޙަބީބް ވިދާޅުވިއެވެ. އަދި މި ރަށްރަށުގެ ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް އަލުން އިޢުލާނުކުރާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންތަކުގެ އިތުރުން، ބައެއް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް ވެސް އަންނަ ޖެނުއަރީމަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ޙަބީބް ވިދާޅުވީ ކައުންސިލް ބައި-އިލެކްޝަންގައި 4 ރަށެއްގެ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރާނެ ކަމަށެވެ. އެގޮތުން، މި ބައި-އިލެކްޝަންގައި ވ. ރަކީދޫ، ފ. ދަރަނބޫދޫ އަދި ގދ. މަޑަވެލީގެ ހުސްވެފައިވާ ކައުންސިލް މެންބަރުކަމަށް ބޭފުޅަކު އިންތިޚާބު ކުރުމާއި، ބ. ފެހެންދޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރާނެކަމަށް ޙަބީބު ވިދާޅުވިއެވެ.

ކައުންސިލް ބައި-އިލެކްޝަންތަކުގެ ވޯޓުލުން އޮންނާނީ ޖެނުއަރީ 27 ވަނަ ދުވަހުއެވެ. ކައުންސިލް ބައި-އިލެކްޝަނަށް ކުރިމަތިލުމަށް، އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިމަހުގެ 12އިން 27އަށެވެ.