ޚަބަރު

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ހުޅުވާލައިފި، ޕްރައިމަރީ އަންނަމަހު


  • ޓިކެޓަށް ޝަައުގުވެރިކަން ފާޅުކޮށް، ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ މިމަހު 25

  • ފޯމު އެމްޑީޕީގެ ވެބްސައިޓުން ލިބެން ހުންނާނެ

  • އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެވޭނީ، ޕާޓީގެ މެންބަރުންނަށް އެކަނި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމް.ޑީ.ޕީގެ ޓިކެޓުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފިއެވެ.

އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި އެ ޕާޓީގެ ޗެއަރޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވީ، އެމްޑީޕީގެ ޓިކެޓުގައި މަޖިލިސް އިންތިޚާބަށް ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 25 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.


ވަޙީދު ވިދާޅުވީ އެމް.ޑީ.ޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރެވޭނީ، ޕާޓީގެ މެންބަރަކަށްވުމާއެކު، ޤާނޫނު އަސާސީގެ 7 ވަނަ މާއްދާގައިވާ ޝަރުތުތައް ފުރިހަމަވެގެން ކަމަށެވެ.

ޤާނޫނު އަސާސީގެ 7 ވަނަ މާއްދާގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމުގެ ޝަރުތުތަކުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ދިވެހި ރައްޔިތަކަށްވުމާއި، ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުމާއި، މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުމުގެ އިތުރަށް، ޢުމުރުން އަށާރަ އަހަރު ފުރިފައިވާއި މީހަކަށްވުން އަދި ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުމެވެ.

ވަހީދު ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ އަންނަމަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހުކަމަށެވެ. ނަމަވެސް، ޕްރައިމަރީ ބޭއްވުމަށް ސްކޫލްތަކުގެ ހޯލުތައް ބޭނުންވާތީ، ހޯލު ލިބޭ ގޮތަކުން، ޕްރައިމަރީ ބާއްވާ ދުވަހަށް ބަދަލު އަތުވެދާނެތކަމަށް ވަހީދު ވިދާޅުވިއެވެ.

އެމް.ޑީ.ޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކުރުމަށް އެދި ހުށައަޅަންޖެހޭ ފޯމު، އެ ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި އިންތިޚާބަށް ވާދަކުރާއިރު، ކުށާއި ދަރަނީގެ ރިކޯޑު ސާފުކުރުމަށް ޖޭއެސްސީއަށް ހުށައަޅަންޖެހޭ ފޯމުވެސް، ޕާޓީ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެޕާޓީން ބުނެއެވެ.