ޚަބަރު

މުދާ އުފުލާ ދޯންޏެއް ގުޅިކައިރީ ފަރަކަށް އަރާ ބޮޑެތި ގެއްލުންތަކެއް


  • ފަރަށް އަރާފައިވަނީ "ޑޮނަޓެއްލާ" ނަމަކަށް ކިޔާ ދޯންޏެއް

  • މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހެނދުނު

  • ދޯނީގައި ތިބި ފަޅުވެރިންވަނީ މާލެ ގެނެސްފައި

ކ. ތުލުސްދޫން ފުރައިގެން ކ. މާފުށްޓަށް ދަތުރުކުރަމުންދިޔަ "ޑޮނަޓެއްލާ" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް، ކ.ގުޅިކައިރީގައި އޮންނަ ފަރަކަށް އަރައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

ދިވެއްސަކާއި ތިން ބިދޭސީ ފަޅުވެރިން ތިބި އެ ދޯނި، ފަރަށް އެރިކަމުގެ މަޢުލޫމާތު އެމް.އެން.ޑީ.އެފް ކޯސްޓްގާޑް، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު، އެމް.އާރު.ސީ.ސީއަށް ލިބުނީ މިއަދު ހެނދުނު 07:36 ހާއިރުއެވެ.

މި މަޢުލޫމާތު ލިބުމުން، އެމް.އެން.ޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއް ވަނީ ދޯނި އޮތް ސަރަޙައްދަށް ގޮސް، އެ ބޯޓުގައި ތިބި ހަތަރު ފަޅުވެރިން ހާބަރކުރާފްޓް ލޯންޗުގައި މާލެ ގެނެސްފައެވެ.

ފަރަށް އެރުމުގެ ސަބަބުން ދޯންޏަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު މި ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.