ޚަބަރު

މޯލްޑިވިއަންގެ އުދުހުންތަކުގައި ވައިޑް ބޮޑީ އެއަރކްރާފްޓުތައް ބޭނުންކުރަން ފަށަނީ


  • މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ގެންނަ ބޯޓުތަކެއް

  • ވައިޑް ބޮޑީ 2 އެއަރކްރާފްޓު ގެނައުމަށްވަނީ ނިންމާފައި

  • މިކަމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީީ މެދުވެރިކޮށް ހޯދުމަށްވަނީ ނިންމާފައި

ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި، ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ އުދުހުންތަކުގައި ވައިޑް ބޮޑީ އެއަރކްރާފްޓުތައް ބޭނުންކުރަން ފަށަން ސަރުކާރުން ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކް ޕާސަން، މުޙައްމަދު ޝަހީބު، ވިދާޅުވީ ފަތުރުވެރިކަން ކުރިއެރުވުމަށް އެކި މަންޒިލްތަކަށް މޯލްޑިވިއަނުން ދަތުރުތައް ފެށުމަށްޓަކައި ވައިޑް ބޮޑީ 2 އެއަރކްރާފްޓް ގެނައުމަށް ނިންމާފައިވާކަމަށެވެ.

އަދި މިކަމަށް ބޭނުންވާ ފައިސާ ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށް ޝަހީބު ވިދާޅުވިއެވެ.

" މި މަޝްރޫޢު ފެށުމަށްޓަކައި، އިންވެސްޓުކުރަންޖެހޭ ފައިސާގެ އަދަދު މިނިސްޓްރީ އޮފް ފިނޭންސަށް ލިބިފައިވާ ފައިނޭންސިންގ ފެސިލިޓީތަކުގެތެރެއިން، އައިލެންޑް އޭވިއޭޝަނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްވަނީ ނިންމަވާފައި،" ޝަހީބު ވިދާޅުވިއެވެ.

އަދި ވައިޑް ބޮޑީ އެއަރކްރާފްޓުތައް ވަރަށް އަވަހަށް ގެނައުމަށް ނިންމަވާފައިވާ ކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

މީގެއިތުރުން، މި މަޝްރޫޢު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް އޮޕަރޭޝަނަލް ޚަރަދު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ޝަހީބު ވިދާޅުވިއެވެ.

" އެންމެ ކުޑަ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމާއި ހޭންޑްލިން އަގުތައް ކުޑަކުރުމަށް އެމްއޭސީއެލްއާއި ވާހަކަދައްކައިގެން ހަމަޖެއްސުން، ޤައުމުތަކަށް އުދުހުންތައް ބޭއްވުމަށް، ފޮރިން މިނިސްޓްރީއާއި ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ޗައިނާގެ މަންޒިލްތަކަށް އިސްކަން ދިނުމަށްވެސް ވަނީ ނިންމާފައި" ޝަހީބު ވިދާޅުވިއެވެ.

މޯލްޑިވިއަނުން މީގެކުރިންވަނީ ޗައިނާގެ އެކި މަންޒިލްތަކަށް ދަތުރުތައް ބާއްވާފައެވެ. އެހެންނަމަވެސް ކޯވިޑާއި ގުޅިގެން ދަތުރުތައް މެދުކަނޑާލުމަށްފަހު އަލުން ނުފަށައެވެ. މޯލްޑިވިއަނުން ބައިނަލްއަޤްވާމީ ދަތުރުތައް މިހާރު ކުރަމުންދަނީ އިންޑިއާގެ ޓްރިވެންޑްރަމާއި، ކޮޗިން، ބެންގަލޫރުގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށެވެ.