ޚަބަރު

މިސްކިތް ޢިމާރާތްކުރާ ކުންފުނިތަކަށް ނުދީހުރި 22 މިލިއަން ރުފިޔާ ސަރުކާރުން ހަމަޖައްސައިދީފި


  • 22 މިލިއަން ރުފިޔާ މިހާރު ވަނީ ހަމަޖެހިފަ

  • މިއީ 20 ކުންފުންޔަކަށް ދައްކަންޖެހޭ ފައިސާ

  • އަމާޒަކީ ހުއްޓިފައިވާ މިސްކިތްތަކުގެ މަޝްރޫޢުތައް އަވަހަށް ނިންމުން

މިސްކިތް އިމާރާތް ކުރާ ކުންފުނިތަކަށް ދައްކަންޖެހި މިހާތަނަށް ނުދައްކާހުރި 22 މިލިއަން ރުފިޔާ ސަރުކާރުން ހަމަޖައްސައިދީފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ޢިމަރާތްކުރަމުންދާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ބޮޑު ޢަދަދެއް ނުދެވި މިސަރުކާރު އާއިރު އޮތްކަމަށެވެ. އެގޮތުން ފައިސާ ނުދައްކާހުރި ބިލްތަކަށް 22 މިލިއަން ރުފިޔާ އަރާކަން އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ. އެއީ 20 ކުންފުންޏަކަށް ދޭންޖެހޭ ފައިސާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެ ކުންފުނިތަކަށް ފައިސާ މިހާރު ސަރުކާރުން ހަމަޖައްސައިދެއްވާފައިވާތީ، ވަރަށް އަވަހަށް ކުންފުނިތަކަށް އެ ފައިސާ ދައްކާ ޚަލާސްކުރައްވާނެކަމަށްވެސް ވުޒާރާއިން ވިދާޅުވިއެވެ. އެކަމުގެ ބޭނުމަކީ ހުއްޓިފައިވާ މިސްކިތްތައް ޢިމާރާތްކުރުމުގެ މަޝްރޫޢުތައް އަވަސްކުރުންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިސްކިތްތައް ޢިމާރާތްކުރުމުގެ މަޝްރޫޢުތައް އަވަސްކުރުމަށް ނިންމަވާފައިވާއިރު، މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ރީތިކޮށް ބެލެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެކަމަށް ކުރެވޭ ޚަރަދު މިހާރަށްވުރެ ތިންގުނަ އިތުރުކުރެއްވުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.