ޚަބަރު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު މިއަހަރުވެސް 3 ދަރިވަރަކަށް


  • މިއީ ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ ސްކޮލަރޝިޕެއް

  • ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަރސިޓީ އިން ކިޔެވުމުގެ ފުރުޞަތު ލިބޭ

  • މިދިޔަ އަހަރު 3 ދަރިވަރުންވަނީ ހޮވާފައި

ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލްގެ ސްކޮލަރޝިޕް ފަންޑުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތު ލިބޭ ދަރިވަރުންގެ ނަންތައް އެ ބޭންކުން ހާމަކޮށްފިއެވެ.

ބީ.އެމް.އެލް ސްކޮލަރޝިޕް ފަންޑަކީ ދަރިވަރުން ހޯދާފައިވާ ތަޢުލީމީ ނަތީޖާއަށް ބަލައި، ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރިހާ ޚަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލަރޝިޕެކެވެ.

މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަރސިޓީ އިން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެއެވެ.

ބީއެމްއެލް ސްކޮލަރޝިޕް ފަންޑުން ފުރުޞަތު ލިބުނު ދަރިވަރުންނަކީ:

• އާމިނަތު ޢަލްޔާ ޝާވިން
• މުޙައްމަދު ސާޖިޢު އިސްމާޢީލް
• މުޙައްމަދު އައިކު ޢަލީ

މި ސްކޮލަރޝިޕް ޕްރޮގްރާމް ހުޅުވާލާފައިވަނީ ތަޢުލީމީގޮތުން މަތީ ނަތީޖާ ހޯދާފައިވާ، ރާއްޖޭގެ ބޭންކިންގ އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށެވެ.

ބީއެމްއެލުން ބުނީ މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް ބޭންކިންގ އެންޑް ފައިނޭންސް އިން ފެށިގެން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިންގ އާއި އެނަލެޓިކްސް ފަދަ ބޭންކިންގއާ ގުޅުންހުރި ދާއިރާތަކުގެ ތެރެއިން ގިނަ ދާއިރާތައް ހިމެނޭހެން ތަޢުލީމު ހާސިލުކުރުމަށް އެ ދަރިވަރަކު ބޭނުންވާ ދާއިރާއެއް ހިޔާރުކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ، މުޖުތަމައުގެ ލާބައަށް ޙާއްސަ ސަމާލުކަމެއްދޭ މިފަދަ ޒުވާނުންގެ ތަޢުލީމީ ހަޔާތް ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ދިވެހި ޤައުމުގެ މުސްތަޤުބަލަށްޓަކައި އެ ބޭންކުން ކުރާ މުހިންމު އިންވެސްޓެއް ކަމަށެވެ.

"މިއަހަރުގެ ސްކޮލަރޝިޕް ލިބޭ ދަރިވަރުންގެ ގޮތުގައި ހޮވާފައިވާ ތަޢުލީމީ، ޤާބިލު، މި 3 ދަރިވަރުންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. މި ދަރިވަރުންނަކީ ތަޢުލީމީ ރޮނގުން ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދާފައިވާ، ލީޑަރޝިޕް ހުނަރުތައް ހުރި، ކުރިމަގުގައި ހެޔޮ ބަދަލު ދައްކުވައިދެވޭނެ ފަދަ ދަރިވަރުން." ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

މިދިޔަ އަހަރު ބީއެމްއެލް ސްކޮލަރޝިޕް ފަންޑު ލިބުނު 3 ދަރިވަރުން މިހާރު އަންނަނީ ޔޫކޭ އަދި އޮސްޓްރޭލިއާގައި މަތީ ތަޢުލީމު ހާސިލުކުރަމުންނެވެ.