މިއަހަރުގެ މިހާތަަނަށް އެއް ދުވަހެއްގެތެރޭ އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން މިދިޔަ ހޮނިހިރުދުވަހު ރާއްޖެއަށް ވަނީ 8054 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މީގެކުރިން މިއަހަރުތެރޭ އެއް ދުވަހެއްގެތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިކަމަށް ރެކޯޑު ކުރެވިފައިވަނީ ފެބްރުއަރީމަހުއެވެ. ފެބްރުއަރީމަހުގެ 11ވަނަ ދުވަހު ރާއްޖެއަށް ވަނީ 8024 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މީގެކުރިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައި ކަމަށް ރެކޯޑުކުރެވިފައިވަނީ 2019ގައެވެ. އެ އަހަރު އެއް ދުވަހެއްގެތެރޭ 9000 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން މައުލޫމާތުދެއްވާފައިވެއެވެ.
މިއީ ރާއްޖެއަށް ފަތުރުވެރިކަމުގެ ޕީކް ސީސަނެވެ. ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރު ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
ރާއްޖެއިން މިއަހަރަށް އަމާޒު ހިފީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި މިދިޔަ ހަފްތާގެތެރޭގައި މިއަމާޒުވަނީ ހާސިލްކޮށްފައެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ ޖުމްލަ 1821338 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1620215 ފަތުރުވެރިންނާއި އަޅާ ބަލާއިރު 12.4 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އަދި ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ.
* ރަޝިއާ – 200894 ފަތުރުވެރިން
* އިންޑިއާ – 200744 ފަތުރުވެރިން
* ޗައިނާ – 184152 ފަތުރުވެރިން
* އިނގިރޭސިވިލާތް – 149115 ފަތުރުވެރިން
* ޖަރުމަނުވިލާތް – 129915 ފަތުރުވެރިން
ރާއްޖޭގައި މިވަގުތު 1140 ތަނެއް ވަނީ ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ހުޅުވާފައެވެ. އަދި ބެޑް ކެޕޭސިޓީއަކީ 61273 ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.