ޚަބަރު

ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބޭ މީހުންނަށް ދަޢުވަތު ފޮނުވައިފި


  • ޙައްޖަށްދާ މީހުންނަށް ޓެރެކިން ޑިވައިސް އެއް ދޭނެ

  • މެޑިކަލް ޗެކްއަޕްއާއި ވެކްސިން ޖެހުމަށް ދުރާލަ އަންގާނެ

  • އިސް ޝައިޚަކަށް ވަޑައިގަންނަވާނީ ޝައިޚް ޑރ. އާދަމް ޝަމީމް

އަންނަ އަހަރު ރާއްޖެއިން ޙައްޖަށްދިއުމުގެ ފުރުޞަތު ލިބިފައިވާ މީހުންނަށް ޙައްޖުގެ ދައުވަތު ފޮނުވައިފިއެވެ. ޙައްޖަށް ދިއުމުގެ ފުރުޞަތު ލިބުނު ކަމުގެ ދަޢުވަތު ފޮނުވާފައިވަނީ އެ ކޯޕަރޭޝަންގެ ކިއު ތަރުތީބުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޙައްޖުކޯޕަރޭޝަންގެ ސީނިއަރ މެނޭޖާރ، ކޯޕަރޭޓް އެފެއާރޒް އާއިޝަތު ޤާހިރު ވިދާޅުވީ 1445 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް ދިއުމުގެ ފުރުސަތު ލިބޭ މީހުންނަށް އެ ފުރުޞަތު ލިބިފައިވާކަމަށް އަންގާފައިވަކަމަށެވެ.

އައިޝަތު ވިދާޅުވީ އަންނަ އަހަރު ޙައްޖަށްދާ މީހުންގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން ދަތުރަށް ފުރުމުގެ ކުރިން ވެކްސިން ޖެހުމާއި މެޑިކަލް ޗެކްއަޕް ހެދުމަށް އަންގަމުން ދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޙައްޖަށް ދާ މީހުން ގެއްލުނުނަމަވެސް ފަސޭހައިން ހޯދުމަށްޓަަކައި ކޮންމެ މީހަކަށް ޓްރެކިން ޑިވައިސް ފޯރުކޮށްދިނުމަށްޓަކައި އެ ތަކެތި ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ޙައްޖު ކޯޕާރޭޝަންގެ ހަވާލުގައި ޙައްޖަށް ދިއުމުގެ ފުރުޞަތު ދެނީ ކިއު ތަރުތީބުންނެވެ. ޙައްޖަށް ދިޔުމަށް މިވަގުތު ޙައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6018 މީހުން ރަޖިސްޓްރީވެފައި އެބަތިއްބެވެ. މީގެތެރެއިން 4706 މީހުން ވަނީ ޙައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފައެވެ.

ކޮންމެ އަހަރަކުވެސް ރާއްޖެއިން ޙައްޖަށްދާ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ޙައްޖަށް ދިއުމުގެ ފުރުޞަތު ހުޅުވާލައެވެ. އެގޮތުން މިއަހަރު ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 150 ފޯމް ހުށައަޅާފައިވާމަށް އައިޝަތު ޤާހިރު ވިދަޅުވިއެވެ.

ކޮންމެ އަހަރެއްގައިވެސް ސައުދީޢަރަބިއްޔާއިން ރާއްޖެއަށް 1000 ކޯޓާ ދޫކުރެއެވެ. އެ ކޯޓާގައި މީގެ ކުރިން ޙައްޖު ކޯޕަރޭޝަންއާއެކު އަމިއްލަ ޖަމާއަތްތަކަށްވެސް ޙައްޖަށް މީހުން ގެންދިޔުމުގެ ފުރުޞަތުދެއެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު ނިންމަވާފައިވަނީ 1000 ކޯޓާގައި ހައްޖަށް މީހުން ގެންދާނީ ހަމައެކަނީ ޙައްޖު ކޯޕަރޭޝަނުން އެކަނިކަމަށެވެ. މީގެ އިތުރުން ސަރުކާރުން ނިންމަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 50 ފަޤީރުން ހައްޖަށް ފޮނުވުމަށްވެސް ނިންމަވާފައެވެ.

ކޮންމެ އަހަރަކުވެސް ރާއްޖެއިން ޙައްޖަށް މީހުން ގެންދާއިރު ކޯޕަރޭޝަންގެ ވަފްދުގައި ދީނީ ނަސޭހަތް ދިނުމާއި ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް އިސް ޝެއިޚުންވެސް ހިމަނުއްވައެވެ. އެގޮތުން މިފަހަރުގެ ޙައްޖުގައިވެސް އެފަދަ ބޭފުޅެއް ވަޑައިގަންނަވާނެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އަންނަ ޙައްޖުގައި ދިވެހި ޙައްޖުވެރިންނާ އެކު، އިސް ޝައިޚަކަށް ވަޑައިގަންނަވާނީ ފަޟީލަތުއްޝައިޚު ޑރ. އާދަމް ޝަމީމް ކަމަށެވެ.

ޝަމީމަކީ ޙަދީޘާއި އިސްލާމީ ތަޢުލީމުގެ ރޮނގުން މަތީ ތަޢުލީމު ހާސިލްކުރައްވައިފައިވާ ޝައިޚެކެވެ. ޝަމީމަކީ ވަރަށް ގިނަ ދީނީ ދަރުސްތައް މާލޭގައާއި އަތޮޅުތެރޭގައި ދެއްވަމުން އަންނަ ދީނީ ޢިލްމުވެރިއެކެވެ.