ޚަބަރު

މިފްކޯ ބޯޑުގައި މަސްވެރިން ތަމްސީލުކުރުމުގެ ފުރުޞަތު، ބޯޑު މެންބަރަކަށްވުމަށް ހުޅުވާލައިފި


  • މިއީ ސަރުކާރުގެ ހަފްތާ-14 ގައި ހިމެނޭ މުހިންމުކަމެއް

  • މިފްކޯ %100 ސަރުކާރުން ހިއްސާވާ ކުންފުންޏަކަށް ވަނީ ބަދަލުކޮށްފައި

  • ކުރިމަތިލެވޭނީ މިހާރުވެސް މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް

  • ފުރުޞަތު ހުޅުވާލާފައިވަނީ 11 ޖެނުއަރީގެ ނިޔަލަށް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ބޯޑުގައި މަސްވެރިން ތަމްސީލް ކުރާނެ ފަރާތެއް ކަނޑައެޅުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ސަރުކާރުގެ "ހަފްތާ 14"ގެ މަގުޗާޓުގައި ހިމަނާފައިވާ، މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން، މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާނެ ފަރާތެއް ޢައްޔަނު ކުރުމަށްޓަކައި ބޯޑު މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލަފައެވެ.

މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރުމަށް ކުރިމަތިލެވޭނީ މަސްވެރިކަމުގައި މިހާރުވެސް ހަރަކާތްތެރިވާ ދިވެހިންނަށެވެ. އަދި އެ މީހާއަކީ އުމުރުން 18 އަހަރުވެފައިވާ މީހަކަށް ވާންޖެހެނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޤާމަށް ކުރިމަތިލާ މީހާއަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކޮށްފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 5 އަހަރު ވެފައިވާ މީހަކަށް ވާންޖެހެއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިފްކޯގެ ބޯޑް މެންބަރަކަށް ކުރިމަތިލުމަށް އެދޭ ފޯމުއާއެކު މިވަގުތު މަސްވެރިކަން ކުރާ ފަރާތެއްކަން ބަޔާންކުރާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ ލިޔުމަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށައަޅަންވާނެކަމަށެވެ. އަދި އެ ލިޔެކުޔުންތައް އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 13:30 ގެ ކުރިން ހުށައެޅުމަށް ވަނީ ހުޅުވާލާފައެވެ.

ބޯޑު މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ ވުޒާރާގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުވަންޖެހެނީ [email protected] އަށެވެ.

އެސް.ޓީ.އޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި ހިންގަމުން އައި މިފްކޯ، %100 ސަރުކާރުން ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ސަރުކާރުން ދާދިފަހުން ވަނީ ބަދަލުކޮށްފައެވެ. މިގޮތުން މިފްކޯގައި އޮތް އެސް.ޓީ.އޯގެ %99.99 ހިއްސާއާއި، އަދި އެލައިޑްގެ %0.01 ހިއްސާ ސަރުކާރަށް ވަނީ ބަދަލުކޮށްފައެވެ.

މިއީ، މިފްކޯގެ ހިންގުމުގެ ނިޒާމަށް ބަދަލުގެނެސް ދިވެހި މަސްވެރިންގެ ފުރިހަމަ ބައިވެރިވުމާއެކު މިހާރަށްވުރެ އެފިޝަންޓްކޮށް ހިނގާ މުސްތަޤިއްލު ވަކި ކުންފުންޏެއްގެ ގޮތުގައި މިފްކޯ ކަނޑައެޅުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްގެގޮތުގައި ސަރުކާރުން ފާހަގަކުރައްވައެވެ.