ޚަބަރު

މާދަމާ "ބާއްޖަވެރި ހެނދުނެއް" ޕްރޮގްރާމްގައި ރައީސްގެ ދެކަނބަލުން


  • ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާނީ ހެނދުނު 7:15 ގައި

  • ސިޔާސީ ހަޔާތްޕުޅާއި އަމިއްލަ ދިިރިއުޅުމުގެ ވާހަކަ ހިއްސާކުރައްވާނެ

ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހާ ގުޅިގެން ގެނެސްދޭ "ބާއްޖަވެރި ހެނދުނެއްގެ" ޚާއްސަ ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ އަހަރީދުވަހާ ގުޅިގެން ގެނެސްދޭ "ބާއްޖަވެރި ހެނދުނެއްގެ" ޚާއްސަ ޕްރޮގްރާމް ގެނެސްދޭނީ މާދަމާ ހެނދުނު 6:05 އިން 8:30 އަށެވެ.

މި ޕްރޮގްރާމްގައި ޚާއްސަ މެހުމާނެއްގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވާނީ ހެނދުނު 7:15 ގައެވެ. މި ޕްރޮގްރާމްގައި ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ ހަޔާތްޕުޅާއި، އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކާ ތަޖުރިބާތައް ހިއްސާކުރައްވާނެއެވެ.

ދިވެހިރާއްޖޭގެ އަޑަށް 61 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މާދަމާ އަޑުގެ ހުރިހާ ޕްރޮގްރާމެއް ވަނީ ދުވަހާއި ގުޅުވާލާފައެވެ.

ދިވެހިންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ޒަމާނުއްސުރެ ގުނަމުން އަންނަ އެއްބައިވެރިޔަކީ ދިވެހި ރާއްޖޭގެ އަޑެވެ. އެންމެ ފުރަތަމަ ބްރޯޑްކާސްޓިންގ ދާއިރާއަށް ރާއްޖެ ވަދެގެންއައީ 1962 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 29 ވަނަ ދުވަހު ދިވެހިރާއްޖޭގެ އަޑުގެ ޓްރާންސްމިޝަނުންނެވެ. އެންމެ ފުރަތަމަ އެންމެ 4 މިނިޓު 2 ސިކުންތަށް މި ޚިދުމަތް ފަށާފައި ވަނީ އެ ދުވަހުގެ މެންދުރު 2 ޖެހިއިރުއެވެ.

އެކި ދުވަސްވަރު އެކި ނަންނަމުގައި ދެމުންއައި ދިވެހިންގެ އެންމެ ގާތް އެކުވެރި ރޭޑިއޯގެ ނަން ދިވެހިރާއްޖޭގެ އަޑަށް ބަދަލުކޮށްފައިވަނީ 1980 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.