މާވެޔޮ މިސްކިތް ކައިރީ މަގުމައްޗަށް ވާގޮތަށް ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު އެތަނުން ނަގައިފިއެވެ.
މި ޓްރާންސްފޯމަރު އެތަނުން ނަގާފައިވަނީ އެ ސަރަޙައްދުގެ މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަމާއި ފަސޭހައަށްކަމަށް އެކުންފުނިން ބުނެއެވެ.
މި ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅުގައެވެ. މިއީ އެކުންފުނީގެ އައު މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ، މިދިޔަ ނޮވެމްބަރުމަހުގެ 28 ވަނަ ދުވަހު މަޤާމާ ޙަވާލުވެވަޑައިގެން އެންމެ ފުރަތަމަ ފެށްޓެވި މަސައްކަތެވެ.
މަޤާމާ ޙަވާލުވެވަޑައިގެން ފުރަތަމަ ދުވަހު ފަހުމީ ވަނީ އެ ސަރަޙައްދަށްގޮސް، މާވެޔޮ މިސްކިތް ހުންނަ ސަރަހައްދުގައި ރައްޔިތުންނަށް އުނދަގޫވާގޮތަށް މަގުމަތީގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު މި އަހަރު ނިމުމުގެ ކުރިން ނަގާނެކަމުގެ ޔަޤީންކަންދެއްވާފައެވެ. ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތް ސްޓެލްކޯއިން ފުރިހަމަކޮށްފައި މިވަނީ ގާތްގަނޑަކަށް މަސް ދުވަހުގެ މަސައްކަތުންނެވެ.
މި މަސައްކަތް ފުރިހަމަކުރެވުމާގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން، ދެއްވި ހަރުދަނާ އިރުޝާދުތަކާއެކު، ރައްޔިތުންނަށް ތަކުލީފަކަށްވި، ޓްރާންސްފޯމަރުތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަގުމަތިން ނަގާފައިވާކަމަށެވެ. އަދި އައު އަހަރު އެއްވެސް ހުރަހެއްނެތި އެމަގުން ރައްޔިތުންނަށް ދަތުރު ކުރެވި އޭގެ ފަސޭހަ ލިބިގެންދާނެކަމަށެވެ.
ދިވެހީންގެ ރާއްޖޭގައި ކަންކަން ހިނގަމުންދާނީ ރައްޔިތުން އެދޭގޮތައްކަން ސްޓެލްކޯގެ އެމްޑީ ފަހުމީ ފާހަގަކުރެއްވިއެވެ.
ٱلْحَمْدُ لِلّٰهِ
— Hussain Fahmy (@u09HussainFahmy) December 29, 2023
ރައްޔިތުންގެ ވިންދާއި އެއްގޮތައް މަސައްކަތް ކުރުމުގެ މަތިވެރި އަޒުމާއި، ރޫހާއިއެކު ނިކުމެވަޑައިގެން، އެ ރައްޔިތުންނަށް ތަކުލީފަކަށްވާ ހުރިހާ ކަމަކުން މިންޖު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކުގެ… pic.twitter.com/Xuov99t7JI
މިޓްރާންސްފޯމަރަކީ އެ ސަރަޙައްދާއި، އެމަގު ބޭނުން ކުރާ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށްވެފައިވާ ޓްރާންސްފޯމަރެއްކަމަށް ސްޓެލްކޯއިން ބުނެއެވެ. މާވެޔޮ މިސްކިތް ކައިރީ މަގުމައްޗަށް ވާގޮތަށް މިޓްރާންސްފޯމަރު ހުންނަތާ 6 އަހަރެއްހާ ދުވަސް ވަނީ ވެފައެވެ.
މީގެ އިތުރުން ސްޓެލްކޯގެ ބޭނުމަށް ބަންދުކުރި ދޮންއަދަރާދަ ހިނގުން އަލުން ހުޅުވާލުމުގެ މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ. މި މަގު އަލުން ހުޅުވާލުމަށް ނިންމީ އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ލުޔެއް ހޯދައިދިނުމަށްކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އަންނަ ރަމަޟާންމަހުގެ ކުރިން އެ މަސައްކަތް ނިންމާ، އެ މަގު މުޅިން ހުޅުވާލެވޭނެކަމަށްވެސް އެކުންފުނިން ބުނެއެވެ.
ދޮންއަދަރާދަ ހިނގުމަކީ އަމީނީ މަގާއި، ބޮޑުތަކުރުފާނު މަގާއި ހުރަހަށްވާ ގޮތަށް އޮންނަ މަގެކެވެ. އެ މަގު ސްޓެލްކޯގެ ބޭނުމަށް ބަންދުކުރީ މީގެ އަހަރުތަކެއް ކުރިންނެވެ. އެ މަގުގައި ސްޓެލްކޯގެ ބައެއް ޢިމާރާތްތައްވެސް ހުރެއެވެ.