ޚަބަރު

ގޭސް ލީކުވުމާގުޅިގެން ހިނގި ހާދިސާއެއްގައި މީހަކު ފިހިއްޖެ


  • ފިހިފައިވަނީ ދިވެހި އަންހެނެއް

  • އޭނާގެ ހަށިގަނޑުގެ %10 ވަނީ ފިހިފައި

  • ކުއްލި ފަރުވާއަށް އައިޖީއެމްއެޗްއަށް ވަނީ ގެންގޮސްފައި

މާލޭގެ ގެއެއްގައި ގޭސް ލީކުވުމާގުޅިގެން ހިނގި ހާދިސާއެއްގައި އަންހެނަކު ފިހިއްޖެއެވެ.

އެމް.އެން.ޑީ.އެފްއިން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ މ. ބްލޫލައިޓް ނަމަކަށްކިޔާ ގެއެއްގެ 6 ވަނަ ފަންގިފިލާގައިކަމަށެވެ. އަދި އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 14:20 ހާއިރުކަމަށެވެ.

އެ ގޭގެ 6 ވަނަ ފަންގިފިލާގައި ހިނގި ގޭސް އެކްސްޕްލޯޝަންގައި އަނިޔާވެފައިވަނީ އެ ގޭގައި ދިރިއުޅޭ ދިވެހި އަންހެނަކަށެވެ. އެމީހާގެ ހަށިގަނޑުގެ %10 ފިހިފައިވާކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ. އަދި އަވަސް ފަރުވާއަށް އައި.ޖީ.އެމް.އެޗްއަށް ގެންގޮސްފައިވާކަމަށެވެ.

އެމް.އެން.ޑީ.އެފްއިން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ ގޭސް ފުޅިން އުނދުނަށް ގުޅާފައި އިން ހޮޅި ބާރުކުރަން އިން ނަޓު ދޫވެފައި ހުއްޓާ، އުނދުން ރޯކުރަން އުޅުމުގެ ތެރޭގައިކަމަށެވެ.

އެމް.އެން.ޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ މިހާރު އެ އުނދުނަށް ގުޅާފަ އިން ހޮޅި ރަނގަޅުކޮށް، އެކަން ހައްލުކޮށްދީފައެވެ.

މި ގޭސް އެކްސްޕްލޯޝަންގެ ހާދިސާގައި އެ ގޭގެ ދޮރެއްގެ ބިއްލޫރިގަނޑެއް ވަނީ ތަޅައިގެން ގޮސްފައެވެ.