އިއްޔެ މާލެއަށް ކުރި ވިއްސާރާއިގައި މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ޕީއެސްއެމްގެ ޓީވީ ބިލްޑިންގާއި ރޭޑިއޯ ބިލްޑިންއަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓެއް ހެދުމަށް ނިންމައިފިއެވެ.
މާލެއަށް ބޯކޮށް ވާރޭވެހި އަމީނީމަގުގައި ފެންބޮޑުވުމާއި ގުޅިގެން ޓީވީ ބިލްޑިންގެ ބޮޑު ސްޓޫޑިއޯގައި ކޭބަލްތައް އެޅުމަށް ބޭނުންކުރާ ޑަކްޓުތަކަށް ވަނީ ފެންވަދެފައެވެ. އަދި ޕީ.އެސް.އެމްގެ ބެކަޕް ސިސްޓަމް ހުރި ރޫމްގެ ސީލިންގުން ފެން ފޭބުމުގެ ސަބަބުން މާސްޓަރ ކޮންޓްރޯލް ރޫމްގެ ސިސްޓަމްތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ.
ހަމައެހެންމެ ނިއުސްރޫމްގެ ބައެއް ތަންތަނުންވެސް ވަނީ ފެންފައިބާފައެވެ. އަދި ރޭޑިއޯ ބިލްޑިންގައި ހުންނަ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގެ ސީލިންގުން ބައެއްވެސް ވަނީ ވެއްޓިފައެވެ.
ވިއްސާރައިގައި ޕީ.އެސް.އެމްގެ ޗެނަލްތައް ހިންގާ ދެ ޢިމާރާތައް ގެއްލުންތަކެއް ލިބުނުނަމަވެސް ޕީއެސްއެމް ނިއުސްއިންދިޔައީ ވިއްސާރައާ ގުޅޭ ޚަބަރާ މަޢުލޫމާތުތައް ރައްޔިތުންނާ ހަމައަށް ވަގުތުން ފޯރުކޮށްދެމުންނެވެ. އެހެންނަމަވެސް ރައްޔިތުންނަށް މަޢުލޫމާތު ގެނެސްދިނުމަށް ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖްވަނީ ޕީއެސްއެމްގެ ޓީވީ ބިލްޑިންގއިން ކަރަންޓު ދިއުމުގެ ސަބަބުން މެދުކެނޑިފައެވެ.
ޕީއެސްއެމްއަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި މިހާރުވެސް މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ޕީއެސްއެމްގެ ޑިރެކްޓަރ ޕްރޮޖެކްޓްސް އިބްރާހީމް ރަމީޒް ވިދާޅުވީ ލިބުނު ގެއްލުންތަކަށް ވަގުތީ ހައްލެއް ހޯދިފައިވާކަމަށާއި، ދާއިމީ ހައްލު ގެނައުމަށްޓަކައި އަދިވެސް މަސައްކަތް ކުރަން ޖެހޭކަމަށެވެ.
އެގޮތުން ޕީއެސްއެމްގެ ރޭޑިއޯ ބިލްޑިންއާއި ޓީވީ ބިލްޑިންއަށް ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި ދެ އިމާރާތުގެ އެސެސްމަންޓެއް ހެދުމަށް ހަމަޖެހިފައިވާކަމަށް ރަމީޒް ވިދާޅުވިއެވެ. މި އެސެސްމަންޓްގައި ފެންވަންނަ ތަންތަން ދެނެގަތުމާއި، ފެން ލީކުވާ ތަންތަން ދެނެގަތުމުގެ މުހިއްމު މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވިއްސާރައިގެ ސަބަބުން ގެއްލުންތަކެއް ލިބުންނަމަވެސް ޕީ.އެސް.އެމްގެ މުޅި ޓީމް އޮތީ އައު އަހަރާއެކު ރައްޔިތުން ޝަޢުގުވެރިވާ ތަފާތު އުފެއްދުންތައް ޕީ.އެސް.އެމްގެ ކުޑައިގެ ދަށުން ހިންގާ ހުރިހާ ރޭޑިއޯއާއި ޓީވީ ޗެނަލްތައް މެދުވެރިކޮށް ގެނެސްދިނުމަށް ތައްޔާރަށެވެ.
އައު އަހަރަކާއެކު ޚަބަރާއި މުނިފޫހިފިލުވުމަށް އައު ޕްރޮގްރާމްތައް އުފެއްދުމާއި، ޚާއްސަކޮށް ނިއުސް ޗެނަލްގެ ބްރޭންޑިންގއަށްވެސް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.