ޚަބަރު

ޓްރާންޝިޕްމަންޓާއި، ރީއެކްސްޕޯޓުގެ ވިޔަފާރިއަށް ޚާއްޞަ ކުންފުންޏެއް އުފައްދަވަނީ


  • މިކަން ނިންމެވީ ކެބިނެޓް ބައްދަލުވުމެއްގައި

  • މިއީ %100 ދިވެހި ކުންފުންޏެއް

ރާއްޖޭގެ ރީ-އެކްސްޕޯޓުގެ ކަންކަން މިހާރަށްވުރެ ފުޅާކޮށް ސިނާޢަތެއްގެ ގޮތުގައި ކުރިއެރުވުމަށް ޚާއްސަ ކުންފުންޏެއް އުފައްދަވަން ސަރުކާރުން ނިންމަވައިފިއެވެ.

މިކަން ނިންމަވާފައިވަނީ އާދިއްތަ ދުވަހު ބޭއްވެވި ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ. "މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން" ގެ ނަމުގައި ޚާއްސަ ކުންފުންޏެއް އުފައްދަވަން ސަރުކާރުން ނިންމަވާފައިވާކަން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސަޢީދު ވިދާޅުވީ، މިއީ ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމާއި، ވެލިއު އެޑްކުރުމާއި، ޓްރާންޝިޕްމަންޓް އަދި ރިއެކްސްޕޯޓް ވިޔަފާރިއަށް ޙާއްސަކޮށް އުފައްދަވަން ނިންމަވާފައިވާ ކުންފުންޏެއްކަމަށެވެ. އަދި މި ކުންފުނި ވެގެންދާނީ %100 ދިވެހި ކުންފުންޏަކަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރުގެ ޕޯސްޓުގައި މިފަދަ ނިންމެވުމެއް ނިންމެވިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ މަރުޚަބާ ދަންނަވާފައެވެ.

ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން، އެހެނިހެން ސިނާޢާތްތައް ރާއްޖޭގައި ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ވަކިން ޚާއްސަކޮށް ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުކޮށް، ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީ ހޯދޭނެ އިތުރު މަގުތައް ތަނަވަސްކޮށްދެއްވުމާއި، އިންވެސްޓްމަންޓްގެ އިތުރު ފުރުޞަތުތައް ހޯދައިދެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ.