ޚަބަރު

48 އަހަރުގެ ޚިދުމަތަށްފަހު ޚާލިދު ޕީއެސްއެމުން ރިޓަޔަރ ކުރައްވައިފި


  • ވެންނެވީ އޮންއެއަރ އޮޕަރޭޓަރެއްގެ ގޮތުގައި

  • ރިޓަޔަރަކުރެއްވިއިރު ހުންނެވީ އެސިސްޓަންޓު މެނޭޖަރ ޑިޖިޓަލް އާރކައިވްގެ މަޤާމުގައި

  • ޚިދުމަތްކުރެއްވީ ވަރަށް ފަރުވާތެރިކަމާއި ޝަޢުޤުވެރިކަމާއެކު

  • ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް އަގުހުރި ނަސޭހަތެއް ދެއްވި

ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމަށް 48 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވުމަށްފަހު، ޚާލިދު އިބްރާހިމް ރިޓަޔަރ ކުރައްވައިފިއެވެ.

ޕީއެސްއެމްގެ ޚިދުމަތާ ޚާލިދު އިބްރާހިމް ގުޅިވަޑައިގަތީ 15 ނޮވެމްބަރު 1975 ގައެވެ. 48 އަހަރު ވަންދެން ދައުލަތަށް ޚިދުމަތްކުރެއްވުމަށްފަހު ޚާލިދު ރިޓަޔަރ ކުރެއްވުމާއި ގުޅިގެން ޕީއެސްއެމް މެނޭޖްމެންޓުން އެކަން ފާހަގަކޮށް ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ވަނީ އަރުވާފަވެއެވެ. މި ފިލާ ޚާލިދަށް އެރުވީ ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރެވެ.

ޚާލިދު އިބްރާހިމާއި ގުޅިވަޑައިގަތީ އޮންއެއަރ އޮޕަރޭޓަރެއްގެ ގޮތުގައެވެ. އަދި ފާއިތުވި ގިނަ އަހަރުތަކުގައި ޚާލިދު މަސައްކަތްކުރެއްވީ ޕީއެސްއެމްގެ ލައިބުރަރީގައެވެ. އޭނާ ފަހަކަށް އައިސް ކުރެއްވި އެންމެ ބޮޑު މަސައްކަތަކީ ރޭޑިއޯގެ ކުރީގެ ޕްރޮގްރާމްތައް ޑިޖިޓަލައިޒްކުރުމެވެ. އޭނާ މަޤާމުން ރިޓަޔަރކުރެއްވިއިރު ވަނީ އެ މަސައްކަތުގެ ބޮޑު ބައެއް ނިންމަވާފައެވެ. ވަޒީފާއިް ރިޓަޔަރކުރެއްވިއިރު ޚާލިދު ހުންނެވީ އެސިސްޓަންޓު މެނޭޖަރ ޑިޖިޓަލް އާރކައިވްގެ މަޤާމުގައެވެ.

ޚާލިދު ވިދާޅުވީ ޕަބްލިކް ސާރވިސް މީޑިޔާ އަށް ވަނުމަށް ފުރުޞަތު ލިބިވަޑައިގަތީ، އޭރު ދިވެރިރާއްޖޭގެ އަޑުގައި އެދުވަސްވަރު މަސައްކަތްކުރަމުން ދިޔަ އޭނާގެ ދައްތައެއްގެ ފަރާތުންނެވެ. އެގޮތުން ދައްތަގެ ބަސް ގަބޫލުކޮށް ވަޒީފާއަށް ކުރިމަތިލީކަމަށާއި، ވަޒީފާއަށް ނިކުތުމަށްފަހު ފުރަތަމަ ދުވަހު އޮންއެއަރ މަސައްކަތް ފެއްޓެވީކަމަށް ޚަލިދު ވިދާޅުވިއެވެ.

ވަޒީފާއަށް ނިކުންނެވި ފުރަތަމަ ދުވަހު އޮންއެއަރގެ މަސައްކަތަކީ ކިހިނެއް ކުރިއަށްދާ ކަމެއް ކަން އޭރު ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ވަޒީފާއަށް ނިކުންނެވުމާއެކު މަސައްކަތުގެ މާހައުލުން ދިމާވި އެކި ފަރާތްތަކުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު މަސައްކަތް ވަރަށް ބޮޑަށް ފަސޭހަވެގެންދިޔަކަން ޚަލިދު ފާހަގަކުރެއްވިއެވެ.

އޭރު ލިބިވަޑައިގެންނެވި މުސާރަ ކުޑަނަމަވެސް ތަނަށާއި މުސާރައަށް ހެޔޮ ބަދަލުތަކެއް ފަހުން އައިސްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.


ޕީއެސްއެމްގެ މިހާރުގެ މެނޭޖުމަންޓުން މި ކުންފުންޏަށް ހެޔޮ ބަދަލުތަކެއް ގެންނަވާނެކަމަށް ޤަބޫލުކުރައްވާކަމަށްވެސް ޚާލިދު ވިދާޅުވިއެވެ.

ޚާލިދު ވިދާޅުވީ 90 ގެ އަހަރުތަކުގެ ފަހުކޮޅު ހިނގި ބޮސްނިއާ ހަނގުރާމައިގައި ހާލުގައި ޖެހުނު ފާރްތަތަކަށް ރާއްޖޭން އެހީތެރިވުމަށް ބޭއްވި ފަންޑްރައިޒިންގެ މަސައްކަތުގައި މަސައްކަތްކުރުމަށް ލިބުނު ފުރުސަތަކީ އޭނާގެ މަސައްކަތުގައި ދާއިރާގައި އެންމެ ފާހަގަކޮށްލެވުނު އެއް މަސައްކަތްކަމަށެވެ. މިހާރުވެސް އެކަން ހަނދާނުގައި ވަރަށް ބޮޑަށް ހުންނަކަން ޚަލިދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އޮންއެއަރގައި ކުރި މަސައްކަތުގެ ތެރެއިން، އަޅުގަނޑަށް އެންމެ ފާހަގަކޮށްލެވޭ ބޮސްނިއާ ފަންޑު. ފަންޑްރައިޒިންގެ ކަންކަމުގައި އުޅުންއިރު ގާތްގަނޑަކަށް 2 ރެޔާއި 2 ދުވާލު ހޭލާ ހުރެ މަސައްކަތްކުރެވުނީމަ ވަރަށް އުފާވޭ. ބަޔަކަށް އެއްޗެއް ލިބި، އެހީއެއްވެދޭން ކުރެވުނު މަސައްކަތަކަށް ވީތީ." ޚާލިދު ވިދާޅުވިއެވެ.

ޚާލިދު ވަނީ އޭނާއާއެކު މަސައްކަތްކުރެއްވި ފަރާތްތަކުން ބެހެއްޓެވި ގާތްކަމާއި ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މިއަދާއި ހަމައަށް ދައުލަތަށް ޚިދުމަތްކުރެއްވުމުގައި ހުރެވުނީ އޭނާއަށް ހެޔޮ އެދޭ އެންމެހާ ފަރާތްތަކުންގެ ފަރާތުން ލިބުނު އެއްބާރުލުމާއެކު ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިހާ ދިގު މުއްދަތެއް ވަންދެއް މަސައްކަތުގައި ދެމިހުރުމުގައި އަޅުގަނޑުގެ އާއިލާއާއި، އަނބިމީހާ، އާއި ދަރިން އަޅުގަނޑަށްދޭ އެއްބާރުލުމަކީ ވަޒީފާގައި ދެމިހުރުމުގެ އެންމެ ބޮޑު ސަބަބަކީ." ޚާލިދު ވިދާޅުވިއެވެ.

ޚާލިދު އިބްރާހީމްގެ ނަސޭޙަތަކީ ކޮންމެ މަސައްކަތެއްވެސް ކުރާ ހިތުން ކުރާ މަސައްކަތެއްގެ ގޮތުގައި ކުރުމަށާއި، ޤައުމަށްޓަކައި މަސައްކަތް ކުރުމެވެ. އަދި ކުރާ ކޮންމެ މަސައްކަތަކީވެސް އިޚުލާސްތެރިކަމާއެކު ކުރާ މަސައްކަތަކަށް ހެދުމަށްވެސް ޚާލިދު ނަސޭހަތްތެރިވެވަޑައިގަތެވެ. އެއާއެކު ވަޒީފާގެ ސަބަބުން ލިބޭ ހިތްހަމަޖެހުން ބޮޑުވެފައި ފައިދާކުރާނެކަމަށްވެސް ޚާލިދު އިބްރާހީމް ވިދާޅުވިއެވެ.