ހއ. ފިއްލަދޫގައި ތަރައްގީ ކުރުމަށް މަސައްކަތް ކުރާ ޓޫރިސްޓު ވިލެޖު ސަރަހައްދުގައި ހެލްތު ފެސިލިޓީއެއް އަޅާދޭނެ ބަޔަކު ހޯދުމަށް އެރަށު ކައުންސިލުން އިޢުލާންކޮށްފިއެވެ.
ފިއްލަދޫ ކައުންސިލުން 2000 އެނދުގެ ޓޫރިސްޓު ވިލެޖެއް އެޅުމަށް ވަނީ ނިންމާފައެވެ. އަދި ޓުއަރިސްޓް ވިލެޖްއަށް ޚާއްސަކޮށްގެން ހެލްތް ފެސިލިޓީއެއްވެސް އެޅުމަށް ވަނީ ނިންމާފައެވެ.
ހެލްތު ފެސިލިޓީ އެޅުމަށް ހަމަޖެހިފައިވަނީ 4000އާއި 5000 ދެމެދު އަކަފޫޓުގެ ބިމެއްގައިކަމަށް ފިއްލަދޫ ކައުންސިލުން ވިދާޅުވެއެވެ. އަދި އެ ބިން ދޫކުރާނީ އަކަފޫޓަކަށް މަދުވެގެން މަހަކު 50 ލާރީގެ ރޭޓުން 50 އަހަރަށް، ގެސްޓް ހައުސް ނުވަތަ ހޮޓާ އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމުން ކަމަށްވެސް ފިއްލަދޫ ކައުންސިލުން ވިދާޅުވެއެވެ.
ބީލަމަށް ރަޖިސްޓްރީ ކުރަން ހުޅުވާލާފައިވަނީ މި މަހު 14 ވަނަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިންނެވެ. ބީލަންތަކަށް ހުޅުވާލާނީ މި މަހު 22، ވަނަ ދުވަހު 13:05 ގައި ފިއްލަދޫ ކައުންސިލް އިދާރާގައެވެ. ބީލަން ހުށަހެޅޭނީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކާއި ޕާޓްނާޝިޕްތަކާއި އަމިއްލަ ވިޔަފާރިތަކަށް ކަމަށް އިއުލާނުގައިވެއެވެ.
މިހާތަނަށް ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ނެތް ފިއްލަދޫގައި ފަތުރުވެރިކަމަށް ޚާއްސަކޮށްގެން ބިން ދޫކުރުނީ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުން، އެރަށާ ގުޅިފައި އޮންނަ ދައްޕަރު ކައިރިންނެވެ. ގުދުރަތީ ގޮތުން ރީތި އަދި މުއްސަނދިކަން ލިބިފައިވާ ފިއްލަދޫގައި ފަތުރުވެރިކަމަށް ބިންދޫކުރަނީ ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ "ޓޫރިސްޓް ވިލެޖް" ސަރަހައްދުންނެވެ.