ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމާމެދު، ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ފެށްޓެވުމުގެ ކުރިން ރައީސް އޮފީހުގައި ހުންނަވާ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި މުހިންމު ކަންތައްތަކަކާމެދު މަޝްވަރާކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމާގުޅޭގޮތުން މަޝްވަރާކުރެއްވުމާއި، އޮންލައިން ޕޭމަންޓް ޕްލެޓްފޯމްތައް ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރުމުގައި ހުރި ހުރަސްތައް ނައްތާލުމާގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް ސޯޝަލް ހައުސިންގ ކެޓެގަރީއެއް ތަޢާރަފުކުރުމާއި، މީޑިއާތަކަށް ޚާއްސަކޮށްގެން ޤާއިމުކުރުމަށް ނިންމާފައިވާ މީޑިއާ ވިލެޖުގެ މަސައްކަތްތަކާގުޅޭގޮތުންވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވިގެންދާނެކަމަށެވެ.
ރާއްޖޭގައި ޑިވޮލޮޕްމަންޓް ބޭންކެއް އުފެއްދުމާމެދު، ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ pic.twitter.com/f8UBsNN2Jx
— The President's Office (@presidencymv) January 7, 2024
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންވެސްޓްމަންޓް ބޭންކެއް ޤާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ބޭންކް މެދުވެރިކޮށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ތަރައްޤީގެ މުހިންމު މަޝްރޫއުތަކަށާއި، އަމިއްލަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސްކުރެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ.
ރާއްޖޭގައި އިންވެސްޓްމަންޓް-ޑިވެލޮޕްމަންޓް ބެންކެއް ޤާއިމުކުރުމަށް ބޭނުންވާ "ޕޮލިސީ ފްރޭމްވަރކް" އެކުލަވާލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގައިވެސް ވަނީ ހިމަނުއްވާފައެވެ. މި ފްރޭމްވަރކް އެކުލަވާލުމުގެ %80 މަސައްކަތް މިހާރު ނިމިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.