ޚަބަރު

ޤައުމީ މަންހަޖާއެކު އީމާންކަން ހަރުދަނާކުރެވޭ ގޮތްތަކެއް ރޭވުމަށް ޚުތުބާގައި ގޮވާލައްވައިފި


  • މާތް ﷲ ނަހީކުރައްވާފައިވާ ކަންމަކަށް ޒުވާނުން އަރައިގަންނަމުން ދާކަން ފާހަގަކުރެއްވި

  • ދީނީ ޢަޤީދާ ވަރުގަދަވާނެ ގޮތްތަކެއް ވިސްނަން ޖެހޭކަން ފާހަގަކުރެއްވި

  • އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވެފައިވާ މީހުންނަށް ވާންޖެހޭކަމަށް ވިދާޅުވި

ޤައުމުގެ ތަޢުލީމީ ފަލްސަފާއާއި ޤައުމީ މަންހަޖު ފުރިހަމައަށް ތަންފީޛްކޮށް، ޅަދަރީންގެ ހިތްތަކުގައި އީމާންކަން ހަރުދަނާކުރެވޭނެ ގޮތްތަކެއް ރޭވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ. މިއަދުގެ ހުކުރު ޚުތުބާގެ މަޢުޞޫއަކީ "އީމާންކަން ހަރުދަނާކުރުން"އެވެ.

ޚުތުބާގައި ވަނީ މިއަދު މި މުޖުތަމަޢުގައިވެސް މާރާމާރީއާއި ވައްކަމާއި، ޚިޔާނާތާއި އެކަކު އަނެއްކަކަށް ފުރައްސާރަކުރުން އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާއި ބަދުއަޚްލާޤީ ޢަމަލުތައް ހިންގުން ހައްދުފަހަނައަޅައި ގޮސްފައިވާކަމަށާއި މީގެ އިތުރުން މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރިން އާއްމުވެފައިވާކަންވެސް ޚުތުބާގައި ފާހަގަކުރެއްވިއެވެ.

ޚުތުބާގައި ވިދާޅުވީ މުޖުތަމަޢު އިސްލާޙްކޮށް މަސްތުވާތަކެތި ފަދަ ބޮޑެތި ޖަރީމާތަކުންނާއި ފާހިޝް ޢަމަލުތަކުން މުޖުތަމަޢު ސަލާމަތް ކުރޭވޭނީ އީމާންކަމުގެ އަޤީދާ ވަރުގަދަކޮށް، ޣައިބުގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމަ މާނައިގައި އީމާންވެގެންކަމަށެވެ.

"ހަމަކަށަވަރުން އީމާންވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި ޢަމަލު ފެތުރިގެން ދިއުމަށް ލޯބި ކުރާ މީހުން (ދަންނާށެވެ!) ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި އަޒާބު އެއުރެންނަށް ހުއްޓެވެ. ﷲ ދެނެވޮޑިގެންވަތެވެ. ތިޔަބައިމީހުންނަށް ނޭގޭތެވެ." ޚުޓުބާގައި ވިދާޅުވިއެވެ.

ހުކުރު ޚުތުބާގައި ވަނީ ޤައުމުގެ ތަޢުލީމީ ފަލްސަފާއާއި ޤައުމީ މަންހަޖު ފުރިހަމައަށް ތަންފީޒްކޮށް ޅަދަރިންގެ ހިތްތަކުގައި އީމާންކަން ހަރުދަނާ ކުރެވޭނެ ގޮތްތައް މިއަދު ރާވަންޖެހޭކަމަށެވެ. އަދި އެދަރިންގެ ހިތްތަކުގައި ދީނީ ޢަޤީދާ ވަރުގަދަވާނެ ގޮތްތަކެއް ވިސްނަން ޖެހޭކަމަށާއި އިސްލާމީ އުއްމަތް ބިނާކޮށް ތަރައްޤީކުރުމުގައި ޒުވާނުން އިސްނެގުމަށް ޚުތުބާގައި އިލްތިމާސްކުރެއްވިއެވެ.

އެހެންނަމަވެސް ޤައުމުގެ އާބާދީގެ ބޮޑުބަޔަކީ ޒުވާނުންނަށް ވީނަމަވެސް ޒުވާނުންގެ ތެރޭގައި ދީނާ ދުރު އަދި ވައްކަމާއި ފޭރުމާއި މީހުން މެރުމާއި މަސްތުވާތަކެތި ބޭނުންކުރުންފަދަ މާތް ﷲ ޙަރާމް ކުރައްވާފައިވާ ކުށްތަކަށް އަރައިގަންނަ މީހުން މަދުންނަމަވެސް ތިބޭކަން ޚުތުބާގައި ފާހަގަކުރެއްވިއެވެ އަދި އެފަދަ ޒުވާނުންނަށް ތެދުމަގު ލިބި އިސްލާޙުވެ ފައިދާ ހުރި މުވާޠިނުންތަކަކަށް ވުމީ މިއަދު މުޅި ދިވެހި އުތްމަތް ހަރުއަޑުން ގޮވަމުންދާކަމެއްކަމަށް ޚުތުބާގައި ވިދާޅުވިއެވެ.

"މުސްލިމް އަޚުނޭވެ! ޒުވާނުންނަކީ ކުރިމަގުގައި ޤައުމު ބިނާކުރުމުގެ މަސްޢޫލިއްޔަތު އުފުލަން ތިބި މީހުން ކަމުގައި ވާއިރު، މިއަދުގެ ޒުވާނުންނަށް ކުށުގެ ޝިކާރައަކަށްވުމުގައި ޖަވާބުދާރީ ވާންޖެހޭނެ ބަޔަކު ވާނެކަން ޔަޤީނެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމަ ހަދީޡް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކީ ބެލެހެއްޓުންތެރި އެކެވެ. އަދި ކޮންމެ މީހަކު ވެސް އެމީހެއްގެ ބެލެހެއްޓުމުގެ ދަށުގައިވާ މީހަކާ މެދު ސުވާލު ކުރެއްވޭނެއެވެ." ޚުތުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވަނީ އަހަރެމެންގެ ތަޢުލީމީ ފޮތްތަކުގެ ޢަޤީދާއާއި އީމާންކަމުގެ ބައިތަކާއި ވާހަކަތައް އިތުރުކުރަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކުމުގެ ފޭރާމުން ޒީނަތްތެރިވެފައިވާ މީހުންނަށް ވާންޖެހޭކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ޚުތުބާގައި ވިދާޅުވީ މާތް ﷲގެ ޤުދުރަތްތެރިކަމާއި ކުޅަދުންވަންތަކަށް އެންމެ ކުޑައިރުއްސުރެ ދަރީންނަށް އުނގަންނައިދިނުމަކީ ހަރުދަނާ ޢަޤީދާއެއްގެ މަތީގައި އެކުދިންގެ ނަފްސު ބިނާ ކުރުމަށް މުހިއްމު ކަމެއްކަމަށެވެ. އޭގެ ސަބަބުން އެކުދިންގެ ދީނީ ޢަޤީދާ ހަރުދަނާވެ ދީނީ ކަންތައްތަކަށް ފަރުވާތެރިކަން ބައްހައްޓާ ވޭނެކަމަށާއި އެކުދިންގެ އީމާންކަން ވަރުގަދަވެ މާތްﷲއާ މެދު އޮންނަ ޔަޤީންކަމާއި އިތުބާރު އިތުރުވާނެކަން ހުކުރު ޚުތުބާގައި ވިދާޅުވިއެވެ.