ޚަބަރު

ހަނިމާދޫ އެއަރޕޯޓްގެ އައު ރަންވޭގެ 1200 މީޓަރު އާދިއްތަ ދުވަހު ބޭނުންކުރަން ފަށަނީ


  • އާދިއްތަ ދުވަހު ހެނދުނު އައު ރަންވޭގެ އެއްބައި ބޭނުންކުރާން ފަށާނެ

  • މިހާރު ކުރިއަށްދަނީ ފައިނަލް އިންސްޕެކްޝަން

  • ރަންވޭގެ އޮޕަރޭޝަންތައް ފަށާއިރު ރޭގަނޑުވެސް ފްލައިޓް ޖެއްސޭނެ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ އެއްބައި އަންނަ ހަފްތާގައި ބޭނުންކުރަން ފަށާނެކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެފިއެވެ. އަންނަ އާދިއްތަ ދުވަހު ބޭނުން ކުރަން ފަށަނީ އައު ރަންވޭގެ 1200 މީޓަރެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވީ އައު ރަންވޭގެ 1200 މީޓަރު އަންނަ އާދިއްތަ ދުވަހުގެ ހެނދުނު ބޭނުންކުރަން ފަށާނެކަމަށެވެ. މުބީން ވިދާޅުވީ އައު ރަންވޭގެ އެއްބައި ބޭނުން ކުރަން ފަށާއިރު ރޭގަނޑުވެސް ފްލައިޓުވެސް ޖެއްސޭނެކަމަށެވެ.

މުބީން ވިދާޅުވީ، މިހާރު ކުރަމުންދަނީ ރަންވޭ ބޭނުންކުރަން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައްކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ތަރައްޤީ ކުރާ އައު ރަންވޭއަކީ 2465 މީޓަރުގެ ދިގު ރަންވޭއެކެވެ.



މި ރަންވޭ ތަރައްޤީކުރުމުގެ ދެވަނަ ބައިގައި ހިމެނޭ 300 މީޓަރު ސަރަހައްދުގައި މިހާރުވަނީ ސަބްބޭސް އަޅާފައެވެ. އަދި ބާކީ އޮތް 650 މީޓަރުގެ މަސައްކަތް ކުރުމަށްޓަކައި ކުރީގެ ރަންވޭ ބަންދު ކުރާނެކަމަށާއި، މި ދެބައިގައި ތާރުއެޅުމުގެ މަސައްކަތް ކުރާނީ އެކުއެކީގައިކަމަށް މުބީން ވިދާޅުވިއެވެ.

މުބީން ވިދާޅުވީ ރާންވޭގައި ނުނިމި އޮތްބައިގެ މަސައްކަތް ކުރިނަމަވެސް ފްލައިޓް އޮޕަރޭޝަންތަކަށް ބުރުލެއް ނާރާނެކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢަކީ އަތޮޅުތަކުގައި މިހާތަނަށް ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ. މިއީ 136.6 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.

އެއަރޕޯޓްގެ މަސައްކަތް ނިމިގެންދާއިރު ބޮއިންގ 737 އާއި A320 މަރުކާގެ ބޮޑެތި ބޯޓުފަހަރު މިރަންވޭއަށް ޖެއްސޭނެކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ. މިއެއަރޕޯޓުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެއެވެ. މުޅި މަޝްރޫޢު މިފެށޭ އަހަރުގެތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އައު ރަންވޭގެ މަސައްކަތުގެ އިތުރަށް ފަސިންޖަރ ޓާރމިނަލް ޢިމާރާތާއި ޖެޓީ ޓަރމިނަލް ޢިމާރާތުގެ މަސައްކަތުގެ %29.1 ވަނީ ނިމިފައެވެ. މީގެ އިތުރުން ޕޭވްމަންޓާއި ރޯޑް ވޯކްސްގެ %73.7 އަދި ފިއުލް ފާމާއި ފިއުލް ޖެޓީ މަސައްކަތުގެ %9 ވަނީ ނިމިފައެވެ.