ރާއްޖެއަށް ލިބޭ ރަސްމީ ޙައްޖު ކޯޓާގެ އިތުރުން، އިތުރު ކޯޓާ ލިބުނުނަމަވެސް ކޯޓާ ވިއްކުމުގެ ފުރުޞަތު ނުދެއްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރުންގެ ޕަބްލިކް ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޙައްޖުގެ ކަންކަން ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. މި ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތުގެ ދަށުން މިހާރުވެސް ޙައްޖު ކޯޕަރޭޝަން ހަރުދަނާ ކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޙައްޖުގެ ނިޒާމް ހަރުދަނާވުމާއެކު 2 އަހަރެއްގެ ތެރޭގައި މި ނިޒާމަށް ހެޔޮބަދަލެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ނިންމަވާފައި ވަނީ ރާއްޖެއަށް ލިބޭ ރަސްމީ 1000 ޙައްޖު ކޯޓާ އެއްކޮށް ޙައްޖު ކޯޕަރޭޝަންއަށް ދިނުމަށެވެ. މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ ރާއްޖެއަށް އިތުރު ކޯޓާ ލިބުނުނަމަވެސް އެ ކޯޓާގައި ޙައްޖަށް ގެންދިޔުމުގެ ފުރުޞަތުތައް އެހެން ކުންފުނިތަކަށް ދޭނީ ޙައްޖުކޯޕަރޭޝަންގެ ބެލުމުގެ ދަށުންކަމަށެވެ. އެގޮތުން އަމިއްލަ ކުންފުނިތަކުންވެސް ޙައްޖަށް މީހުން ގެންދެވޭނީ، ޙައްޖު ކޯޕަރޭޝަނުގެ ލިސްޓުގައި ތިބި މީހުންގެ ތަރުތީބުންކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމުގެ ބޭނުމަކީ ޙައްޖުކޯޕަރޭޝަންގެ ކިއުގައި ތިބި މީހުންގެ އަދަދު މަދުކުރުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އަމިއްލަ ކުންފުނިތަކުން ވަކިން ފައިސާ ނަގައިގެން ކޯޓަ ވިއްކުމުގެ ސިޔާސަތެއް ނުލިބޭނެކަމަށެވެ.
ޙައްޖަށް ދިއުމަށް އެއްކޮށް ފައިސާ ދައްކާފައިވާ ހަތަރު ހާހަށްވުރެ ގިނަ މީހުން ޙައްޖު ކޯޕަރޭޝަންގެ ކިއު ލިސްޓުގައި އެބަތިއްބެވެ.
"އަޅުގަނޑުމެން ކުރިއަށް ދާން ބޭނުންވަނީ މެލޭޝިއާގެ ހައްޖު ފަންޑުގެ މިންގަޑާއި އުޞޫލްގެ ދަށުން. މަސައްކަތް ކޮށްފިކަމުގައި ވަނީނަމަ ހައްލު އަންނާނެ."އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
މި ފޯރަމްގައި ވަޒީރުވަނީ ޙައްޖާއި ޢުމްރާގެ ކަންތައްތަކާ ގުޅިގެން މަޝްވަރާކުރުމަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަކު ސަޢުދީއާރައްބިޔްޔާއަށް އެންމެ ފަހުން ވަޑައިގަތީ މީގެ 10 އަހަރު ކުރިންކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެންމެ ފަހުން ސަޢުދީއަށް ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަކު ވަޑައިގެން ދިވެހިންނަށް ލިބޭ ޚިދުމަތްތައް ރަނގަޅުކުރެއްވުމަށް މަޝްވަރާ ކުރެއްވީ 2014 ވަނަ އަހަރު އެމަނިކުފާނުކަމަށެވެ.
"ދިވެހި ރައްޔިތުންނަށް އެންމެ އަސާސީ ދީނީ ޚިދުމަތް ފޯރުކޮށްދޭ ދަޢުލަތަކީ ސަޢުދީޢަރަބިއްޔާ. ޙައްޖާ އުމްރާގެ ޚިދުމަތް އަދި އެނޫންވެސް ވަރަށް ގިނަ ކަންތައްތަކުގައި މުޢާމަލާތް ކުރަން އެޤައުމާ ޖެހޭ. ރާއްޖެއަށް އެންމެ ގިނަ މިސްކިތްތައް އަޅުއްވަން ޚަރަދުކުރައްވަނީ ސަޢުދީޢަރަބިއްޔާއިން. ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ ހިންގުންތެރި މީހަކު އެ ޤައުމަށް އަބަދުވެސް ދާންޖެހޭ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.
މިމަހުގެ ތެރޭގައި ސަޢުދީއަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ ސަޢުދީއާރައްބިއްޔާއަށް ވަޑައިގެން އެ ޤައުމުގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރާ ބައްދަލުކުރައްވާ ރާއްޖެއިން ހައްޖަށާއި އުމްރާއަށްދާ މީހުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މަޝްވަރަކުރެއްވިކަމަށެވެ. އެގޮތުން މިއަހަރުގެ ޙައްޖުގައި، އަރަފާތާއި މިނަގާއި ދިވެހިން ތިބޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސެވުމަށް އެއްބަސްވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ޙައްޖުގައި މިނާއާއި އަރަފާތު ބިމުން ދިވެހިންނަށް ލިބޭ ޚިދުމަތްތައް ރަނގަޅުވަނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ސަޢުދީގެ ޙައްޖު މިނިސްޓަރާއެކު ކުރެއްވި މަޝްވަރާތަކުގައި ޙައްޖު ކޯޓާ އިތުރުކޮށްދިނުމަށް އެދުނުކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާކުރެއްވިކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.