ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ރާއްޖޭގައި ކުރަމުންދާއިރު އެތަރައްޤީއާއެކު އުފެދޭ ކުނިވެސް ރައްކާތެރިގޮތުގައި ނައްތާލެވެންޖެހޭކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިިފަދައިން ވިދާޅުވީ އައްޑޫ ސިޓީ އަށް މިމަހުގެ 22 އިން 24 އަށް ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން ޕީއެމްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާޙީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ރައްޔިތުން ބަލައިގަންނަ އަދި ރައްޔިތުންނަށް ލުއިފަސޭހަ ވާނެ މިންވަރަށް އައްޑޫ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދެއްވުންކަމަށެވެ. އެގޮތުން ރައްކާތެރި ގޮތުގައި ކުނިނައްތާލުމުގެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމާއި ފެނާއި ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުން ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ވަގުތު އައްޑޫ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލައާއި ކަރަންޓުގެ މައްސަލަކަމަށެވެ. ވަޒީރު ވިދާޅުވީ އެ ކަންކަން ރަނގަޅުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން އައްޑޫއާއި މުޅި ރާއްޖެއަށްވެސް ދިމާވެފައިވާ އެފަދަ މައްސަލަތައް ހައްލުކުރުމަށް ދާއިރާގެ ޢިލްމީ ފަންނީ މީހުން ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް ރާއްޖޭގައި އެދާއިރާއިން ޢިލްމީ އަދި ފަންނީމީހުން ލިބުމުގައި ދަތިތަކެއް ހުރިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މުޅި ރާއްޖޭގައިވެސް ވޭސްޓް މެނޭޖްމަންޓް ދާއިރާއިން މަތީ ތަޢުލީމް ޚާސިލްކޮށް ޓެކްނިކަލީ ކެޕެބަލް މީހުން އަސްލު ހަޤީގަތުގައި ވަރަށް މަދު. އެހެންވީމާ މިއީ މި ދާއިރާއިން މީހުން ތަމްރީންކުރުމަށް ރާއްޖޭގައި ވަރަށް މުހިންމު ކަމަކަށްވެފައި އޮތްކަމެއް." ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވޭސްޓް މެނޭޖްމަންޓް ދާއިރާއިން ރާއްޖޭގައި މީހުން ތަމްރީންވެފައިވާ ނިސްބަތް މަދުކަމަށާއި، އަތޮޅު އަދި ރަށު ކައުންސިލްތަކަށްވެސް ވޭސްޓް މެނޭޖްމަންޓް ދާއިރާއިން ތަމްރީން ބޭނުންވާކަމަށެވެ. އެހެންކަމުން އެ ދާއިރާއިން މީހުން އިތުރަށް ތަމްރީންކުރުމުގެ ގޮތުން، މަތީ ތަޢުލީމާއި ތަމްރީން ދިނުމުގެ މަސައްކަތް އަވަސް މުސްތަޤުބަލެއްގައި ފަށްޓަވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އައްޑޫ ސިޓީއަށް ވަޒީރު ކުރެއްވި ޒިޔާރަތުގައި އެ ސިޓީގެ ކައުންސިލްތަކާއި، ފެނަކަ، ވެމްކޯ ސައިޓުތަކުގެ އިތުރުން ފާހަގަކޮށްލެވޭ ގުދުރަތީ ސަރަހައްދުތަކަށް ޒިޔާރަތް ކުރެއްވިއެވެ. ފެނަކަ އާއި ވެމްކޯއަށް ކުރެއްވި ޒިޔާރަތުގައި އެ ތަންތަނުގައި ހުރި އެކިއެކި މައްސަލަތަކާއި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ވަޒީރު އަޑުއެއްސެވިއެވެ. އަދި އެކަންކަމަށް ހައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
ހަމައެއާއެކު އައްޑޫ ސިޓީގެ ގޮނޑުދޮށް ގިރާ ސަރަހައްދުތަކަށްވެސް ޒިޔާރަތްކުރައްވާ އެ ސަރަހައްދުތަކުގައި ރަށްގިރާ މައްސަލައާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަޒީރު އަޑުއެއްސެވިއެވެ. އަދި އެ މައްސަލަތައް ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުން ލަސްތަކެއްނުވެ ފަށްޓަވާނެ ކަމަށްވެސް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވިއެވެ.