ޚަބަރު

އިހަވަންދިއްޕޮޅު މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް މިއަހަރުތެރޭ ފެށިގެންދާނެ: ސަޢީދު


  • މި މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން

  • އިހަވަންދިއްޕޮޅު ތަރައްޤީކުރާނީ "މޯލްޑިވްސް އިކޮނޮމިކް ގޭޓު ވޭ"ގެ ނަމުގައި

  • މި މަޝްރޫޢާއެކު ކަސްޓަމްސްގެ ޚިދުމަތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ

އިހަވަންދިއްޕޮޅު މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް މިއަހަރު ތެރޭގައި ފެށިގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ކަސްޓަމްސް ދުވަސް ފަހަގަކުުރުމަށް ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

އިހަވަންދިއްޕޮޅު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މާސްޓަރ ޑިވެލޮޕަރަކަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކަނޑައަޅާފައިވާއިރު، އިހަވަންދިއްޕޮޅު ތަރައްޤީކުރާނީ "މޯލްޑިވްސް އިކޮނޮމިކް ގޭޓު ވޭ"ގެ ނަމުގައިކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މި މަޝްރޫއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހުރިއްޔާގެ ވިސްނުންފުޅަކީ މި އަހަރުގެ ތެރޭގައި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުން ކަމަށެވެ. އެކަމަށްވާންޖެހޭ ތައްޔާރީތައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި މަޝްރޫޢާއެކު ކަސްޓަމްސްގެ ޚިދުމަތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށާއި، އިތުރު ޒިންމާތަކެއް އަންނާނެ ކަމަށެވެ.

"ކަސްޓަމަސްގެ ޒިންމާއަކަށް ދެންވާންވާނީ މެރިޓައިމް އިކޮނޮމީއެއް ފުޅާވެގެންދާއިރު، މެނޭޖްމަންޓް ސިސްޓަމްތަކާއި، އޮޕަރޭޓިންގ ސިސްޓަމްތަކާއި، ހިއުމަން ރިސޯސަސް އާއި ވަސީލަތްތައް ތަރައްޤީކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް ތަރައްޤީގެ ޒަމާނަކަށް ސިސްޓަމްތައް ވާސީލްވުން،" ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓު ވޭ ތަރައްޤީކުރާނީ ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި މެރިޓައިމްއާއި، އިންޓަގްރޭޓެޑް ޓޫރިޒަމްގެ ވަޞީލަތްތަކާ އެކުއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯނަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމުގެ މަޤްޞަދުގައި ޚާއްސަ މެންޑޭޓަކާއެކު އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ކުންފުންޏެކެވެ. މި ކުންފުންޏަކީ ސަރުކާރު ހިއްސާވާ 5 ކުންފުނީގެ މައްޗަށް އެކުލަވާލެވޭ ކުންފުންޏެކެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ނަމުގައި އުފެއްދި ކުންފުނީގައި ހިމެނެނީ އެސްޓީއޯއާއި، އެޗްޑީސީއާއި، އެމްޕީއެލްއާއި އެމްޓީސީސީއާއި އެމްއޭސީއެލްއެވެ. މި 5 ކުންފުންޏާއެކު އުފައްދާ މައި ކުންފުނީގެ ދަށުން ފްރީ ޓްރޭޑް ޒޯންތައް ކަނޑައެޅުމުގެ ހުއްދައަށް އެދި ބޯޑް އޮފް އިންވެސްޓްމަންޓަށް ހުށައެޅުމަށްވެސް ސަރުކާރުން ނިންމަވާފައިވެއެވެ.