ޚަބަރު

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިން


  • އަހަރުގެ މިހާތަނަށް ޗައިނާއިން 23972 ފަތުރުވެރިން އައިސްފައިވޭ

  • ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިން

  • އަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 214470 ފަތުރުވެރިން ޒިޔާރަތްކޮށްފައިވޭ

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިމަހުގެ 3ވަނަ ދުވަހު އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން އަހަރުގެ މިހާތަނަށް ޗައިނާއިން ވަނީ 23972 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިހާރު ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުކަމަށްވާ ރަޝިއާއަށްވުރެ، 2074 ފަތުރުވެރިން އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ ޖުމްލަ 214470 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތް ކުރި 189332 ފަތުރުވެރިންނާއި އަޅާ ބަލާއިރު 13.3 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައަދަދަކަށް ފަތުރުވެރިން އަންނަ ޤައުމަކަށް ޗައިނާވެފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް

ޗައިނާ – 23972
ރަޝިއާ – 21898
އިޓަލީ – 21321
އިނގިރޭސިވިލާތް – 18078
އިންޑިއާ – 16536

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7362 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި މިހާރު ފަތުރުވެރިން ރާއްޖެއަށް އަންނަ ނިސްބަތަށް ބަލާއިރު އެ ޢަދަދު 2.3 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި އަމާޒުތައް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި، ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.