ޚަބަރު

އެމްއެންޔޫގެ "ފަހި ސުފުރާ" މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލައިފި


  • މިއަދުން ފެށިގެން މިމަހުގެ 24 އަށް ފުރުޞަތު އޮންނާނެ

  • ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ

  • މި މައުރަޒަކީ ކާބޯތަކެތި ތައްޔާރުކުރުމުގެ ހުނަރު ދައްކާލުމަށް ފަހި ފުރުޞަތެއް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމް.އެން.ޔޫއިން ކުރިއަށްގެންދާ ކާބޯތަކެތީގެ މައުރަޒު "ފަހި ސުފުރާ"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާއިފިއެވެ.

މި މައުރަޒަކީ ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިންގެ ހުނަރު އާންމުންނަށް ދައްކާލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި، ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމުގެ މަޤުސަދުގައި ބާއްވާ މައުރަޒެކެވެ.

ފަހި ސުފުރާ މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު އެމްއެންޔޫއިން ވަނީ މިހާރު ހުޅުވާލާފައެވެ. އަދި މިމަހުގެ 24 ވަނަ ދުވަހުގެ ރޭ 11 ޖެހުމާއި ހަމައަށް އެ ފުރުޞަތު އޮންނާނެ ކަމަށްވެސް އެމްއެންޔޫއިން ވިދާޅުވެއެވެ. މި މައުރަޒުގައި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކަށްވެސް ކާބޯތަކެތި ތައްޔާރުކުރުމުގެ ހުނަރު ދައްކާލުމަށް ބައިވެރިވެވޭނެކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.

މިއީ މި މައުރަޒު އެމްއެންޔޫއިން ބާއްވާ ދެވަނަ އަހަރެވެ. އެންމެ ފުރަތަމަ މި މައުރަޒު ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ. އަދި ޔުނިވަރސިޓީގެ ސްޓާފު ކުލަބުގެ ސްޓޯލެއް މައުރަޒުގައި ހުންނާނެކަމަށް ޔުނިވާސިޓީން މަޢުލޫމާތު ދެއްވައެވެ.

މި މައުރަޒު ކުރިއަށް ގެންދިޔުމަށް އެމްއެންޔޫއިން ނިންމާފައިވަނީ ދެ ދުވަހުގެ މުއްދަތަކަށެވެ. އެއީ އަންނަ މާރިޗުމަހުގެ 3 އިން 4 އަކަށެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް މެންދުރުފަހު 2 އިން ފެށިގެން 6 އަށް އަދި، ރޭގަނޑު 8 އިން ފެށިގެން 10 އަށް އެމްއެންޔޫ އިދާރީ މަރުކަޒުގައި މައުރަޒު އޮންނާނެކަމަށް ޔުނިވާސިޓީން ހާމަކުރެއެވެ.

މި މައުރަޒަކީ ޢާންމުންނަށް ވަދެވޭގޮތަށް އެންމެންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މައުރަޒެކެވެ.