ޚަބަރު

ޓެޑްރީގެ ލަސްވިޔަސްގެ ޓްރެއިލާ ދައްކާލައިފި


  • ފިލްމު ރިލީސްކުުރާނީ އޭޕްރިލް 12 ވަނަ ދުވަހު

  • 10 ލަވައެއް ވަނީ ފިލްމުގައި ހިމަނާފައި

ކުޅަދާނަ ޑައިރެކްޓަރ މުހައްމަދު ނިޔާޒު، ޓެޑްރީގެ "ލަސްވިޔަސް" ފިލްމުގެ ޓްރެއިލާ ދައްކާލައިފިއެވެ.

މިފިލްމު ރިލީސްކުރުމަށް ނިންމާފައި ވަނީ އަންނަ އޭޕްރލް މަހުގެ 12 ވަނަ ދުވަހުއެވެ.

މިފިލްމަކީ ޓެޑްރީގެ އަމިއްލަ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

ޓެޑްރީ ޑައިރެކްޓްކުރާ މިފިލްމުގައި ޖުމްލަ 10 ލަވައެއް ހިމަނާފައިވާނެކަމަށް އޭނާ ބުނެއެވެ. މިއީ ދިވެހި ފިލްމުތަކުގައި ހިމަނާފައިވާ ލަވަތަކުގެ އަދަދާ ބަލާއިރު ގިނަ އަދަދެކެެވެ. ޓެޑްރީ ބުނީ މި ފިލްމަކީ އިންސާނީ ކަރާމާތުގެ މުހިންމު ކަމާއި އޭގެ އަގު އާންމު މީހާއަށްވެސް ވިސްނޭނެ ގޮތަކަށް ބައަޓަން ކުރެވިފައިވާ ފިލްމެއް ކަމުގައެވެ.

ޓެޑްރީ ބުނީ މުޖްތަމައެއްގައި ހަމަޖެހިގެން ދިރިއުޅުމަށްޓަކާ އެންމެ މުހިންމު ކަމަކީ އެކަކު އަނެކަކަށް އިޙްތިރާމް ކުރުން ކަމުގައެވެ. އަދި މި ފިލްމު މިގެނެސްދެނީ ކައިވެންޔެއްގެ އެކި މަރްހަލާގައި ދިމާވާ ކަންކަމުގެ ތެރެއިން ކައިވެންޏެއް އޭގެ އަސްލު މަގްސަދާއި އެއްގޮތަށް ނުދިއުމުން ދިމާވާ މައްސަލަ ތަކުގެ މައްޗަށެވެ.

"މި ފިލްމުން މިގެނެސްދެނީ ކައިވެންޔެއްގެ އެކި މަރްހަލާގައި ދިމާވާ ކަންކަމުގެ ތެރެއިން އެކައިވެނީގަައި ލިބޭ ކުދިންނާއި އެކައިވެނި ކޮއްގެން ތިބި ދެފަރާތުގެ އާއިލާއަށް ލިބިގެންދާ ގެއްލުން ކައިވެންޏެއް އޭގެ އަސްލު ދާންވީ މިސްރާބަށް ނުދިޔައީމަ." ޓެޑްރީ ބުންޏެވެ.

ޓެޑްރީ ބުނީ މިފިލްމަކީ މިއަދު ރާއްޖޭގައި އޮތް މުޖްތަމައުގައި ދިމާވެފައި ހުރި ވަރަށް ގިނަ މައްސަލަތައް ވަރަށް ތިލަކޮށް ކިޔާދޭނެ ފިލްމެއް ކަމުގައެވެ. އަދި މި ފިލްމުގައި ހިނގާ ކަންތައްތައް ދިމާނުވާ އެއްވެސް ދިވެއްސެއް ނުހުންނާނެ ކަމާށާއި އެއީ މިފިލްމާއި އެހެން ފިލްމު ތަކާއި ހުރި ތަފާތު ކަމެއްކަންވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

"މިރާއްޖޭގަ އެއްވެސް އާބާދީގެ އެއްވެސް ދިވެއްސެއް ނުހުންނާނެ މިފިލްމުގަ ދައްކާ ހާލަތްތަކާ ފިލްމު އުފެދިގެން އަންނަ މަންޒަރުތަކުން ސިފަވެގެން އަންނަ ކަންކަމަށް ބަލާއިރު އެއާ ގުޅުންހުރި ކަމެއް ނެތް އެއްވެސް ދިވެއްސެއް ނުހުންނާނެ. މިއީ މިފިލްމުގެ ތަފާތު ކަމަކީ." ޓެޑްރީ ބުންޏެވެ.

މިފިލްމުގެ ލީޑްރޯލުން ފެށިގެންދާނީ މަޝްހޫރު ތަރި ވާޝިޔާ އާއި އަހްމަދު އިސާ (އާނަންދު)ގެ އިތުރުން މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދު ދަރިފުޅު ޒޯޔާ ހަސަންއެވެ. މިފިލްމުގެ ޓިކެޓް Lasviyas.com އިން މިހާރު ލިބެން ހުންނާނެކަމަށް ޓެޑްރީ ބުނެއެވެ.

ޓެޑްރީ ވަނީ އެނާގެ "ލަސްވިޔަސް"ގެ ޓީޒަރ 2017 ވަނަ އަހަރު ދައްކާލާފައެވެ.

ކުޅަދާނަ ޑައިރެކްޓަރ 1994 ވަނަ އަހަރު ނެރުނު "ދެރިޔާ" އަށްފަހު އެތައް ބަޔަކު އަންނަނީ ޓެޑްރީގެ ފިލްމަކަށް އިންތިޒާރުކުރަމުންނެވެ. ދިވެހި ފިލްމީ އިންޑަސްޓްރީއަށް ބޮޑު އިންގިލާބީ ބަދަލެއް ގެނުވި އަދި އެތައް ރެކޯޑްތަކެއް މުގުރާލި އެ ފިލްމަށްފަހު ޓެޑްރީގެ "އަމާނާތް" ވެސް އާއްމުންނާއި ހަމައަށް އައެވެ. އެތައް ބަޔަކަށް ކަމުދިޔަ އެ ފިލްމަކީ ޓެޑްރީ ޕްރޮޑިއުސްކުރި ފިލްމެކެވެ.