ޚަބަރު

އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދު ކަނޑައެޅުމާބެހޭ ޤަވާއިދު 10 ދުވަސްތެރޭ ގެޒެޓްކުރަނީ


  • ގޮންޖެހުންތައް ހުރުމުން ގަވާއިދު އިސްލާހުކުރުމުގެ މަސައްކަތްދަނީ ކުރަމުން

  • ކުރިން ލަފާކުރެވިފައިވަނީ މި މަސައްކަތަށް 2 މަސްދުވަސް ނަގާނެ ކަމަށް

  • މި ގާވައިދާއި އެކު ވެހިކަލް ރަޖިސްޓްރީކުރުމުގެ މަސައްކަތް ހަރުދަނާވާނެ

ރަށްރަށުގައި އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި، އުޅަނދު ބޭނުންކުރެވޭނެ މުއްދަތު ކަނޑައެޅުމުގެ ޤަވާއިދަށް ބަދަލު ގެނެސް، ކުރިއަށްއޮތް 10 ދުވަސްތެރޭ ގެޒެޓުކުރެވޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވދާޅުވެއްޖެއެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި އޮންނަގޮތުން ރަށެއްގައި ނުވަތަ ސިޓީއެއްގައި ނުވަތަ ސަރަހައްދެއްގައި އެއްގަމު އުޅަނދު ރަޖިސްޓްރީކޮށްދޭނެ އަދަދާއި ރަޖިސްޓްރީކުރާ އުޅަނދުގެ އުމުރުވެސް އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުން ކަނޑައަޅަންޖެހޭނެއެވެ.

އެއްގަމު އުޅަނދުގެ ސަބަބުން މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ޕްރޮގްރާމު އިފްތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަތުރުފަތުރާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ އުޅަނދުތަކުގެ އަދަދު ކަނޑައެޅުމަށްޓަކައި ހަދަންޖެހޭ އެސެސްމަންޓުގެ އަސާސީ މިންގަނޑުތަކާއި ގުޅިގެން، މި ޤަވާއިދު ތަންފީޒުކުރުމުގައި ސިޓީ އަދި ރަށު ކައުންސިލުތަކަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ގަވާއިދު މުރާޖާކޮށް، އަލުން ގެޒެޓުކުރުމުގެ މަސައްކަތަކަށް ކުރިން 2 މަސްދުވަސް ނަގާނެ ކަމަށް ބެލެވުނު ނަމަވެސް، މިހާރު މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، ކުރިއަށް އޮތް 10 ދުވަސްތެރޭ އެ މަސައްކަތް ނިމޭނެ ކަމަށް ބެލެވޭކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.

"ކުރިއަށް އޮތް 10 ދުވަސްތެރޭ އެ ގަވާއިދު ގެޒެޓުކުރެވޭނެ، ސިޓީ ކައުންސިލަށް އެމަސައްކަތްކުރުމަށް އެކަށީގެންވާ ގަވާއިދެއްގެގޮތުގައި އެ ގަވާއިދު ބަދަލުވެގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ގަވާއިދާއިއެކު، ވެހިކަލްތައް ތޮއްޖެހުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ވެހިކަލް ތޮއްޖެހުމުގެ މައްސަލަ އެންމެ ބޮޑީ ރާއްޖޭގެ ވެރިރަށް މާލެ ސިޓީއަށެވެ. މާލެ ސިޓީ ކައުންސިލުން ބުނާގޮތުން މާލޭގައި ވެހިކަލް ލިމިޓްކުރުމުގެ މަސައްކަތަކީ ހާއްސަ އިސްކަމެއްދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އަދި އޭގެ މަޝްވަރާތައް ކަމާގުޅުންހުރި ފަރާތްތަކާއެކު ފަށްޓަވާފައިވާކަމަށާއި، ކުރިއަށް އޮތް 6 މަސް ތެރޭގައި މާލޭގެ ވެހިކަލް ލިމިޓާއި، ބޭނުންކުރެވޭނެ މުއްދަތު ކަނޑައަޅުއްވާނެ ކަމަށެވެ.