ޚަބަރު

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އިސްރަށްވެހިންގެ ފުރަތަމަ ނާދީ ހުޅުވައިފި


  • މިތަނުގައި ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައި

  • އެކި ރަށްރަށުގައި މީގެ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް

  • ކަސްރަތު ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ

އިސްރަށްވެހިންގެ ދައުރު ޖުތަމަޢުގައި ފުޅާކުރުމުގެ ގޮތުން ތަރައްޤީކުރި ފުރަތަމަ "އިސްރަށްވެހިންގެ ނާދީ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނު އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހުޅުވައިދެއްވައިފިއެވެ.

"އިސްރަށްވެހިންގެ ނާދީ" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް ބައިވެރިވެވަޑައިގެންނެވިއެވެ.

އިސްރަށްވެހީންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީން ކޮށްދިނުމަށްޓަކައި ތަފާތު ޚިދުމަތްތައް ހިމެނޭގޮތަށް ރާއްޖޭގެ އުތުރާއި ދެކުނާއި އަދި މެދުރާއްޖެތެރޭގައި މަރުކަޒުތަކެއް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

އެގޮތުން މުޖުތަމަޢުގައި އިސްރަށްވެހިންގެ ދައުރު ފުޅާކުރުމަށާއި، އެފަރާތްތަކުގެ ސިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ހުޅުވި ފުރަތަމަ މަރުކަޒު މާލޭގައި މިހާރު މިވަނީ ހުޅުވާފައެވެ. މި މަރުކަޒު ތަރައްޤީކޮށްފައިވަނީ ކުރީގެ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގައެވެ.

މި ރަސްމިއްޔާތުގައި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިޙާމް ވިދާޅުވީ، މާލޭގައި ތަރައްޤީކޮށް ހުޅުވި ފުރަތަމަ އިސްރަށްވެހިންގެ މަރުކަޒުން ފޯރުކޮށްދޭ ޚިދުމަތްތައް ކަނޑައަޅުއްވާފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެކި ވުޒާރާތަކާއި އިދާރާތަކާއި އަދި އަމިއްލަ ޖަމުޢިއްޔާތަކާ ގުޅިގެންކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ މާލޭގައި އިސްރަށްވެހިންގެ ފުރަތަމަ މަރުކަޒު ހުޅުވިނަމަވެސް ރައީސްގެ ވަޢިދުފުޅާ އެއްގޮތަށް ރަށްރަށުގައި މިފަދަ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި އިސްރަށްވެހިންގެ މަރުކަޒުގެ ޚިދުމަތް ވީހާވެސް ގިނަ އިސްރަށްވެހިން ހޯއްދެއްވުމަށް ވަޒީރު އެދެވަޑައިގެންނެވިއެވެ.

"މި ނާދީ ވަނީ އުމުރުން ދުވަސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުތަނަވަސްކަމަށް ހިތްހަމަޖެހުމެއް ލިއްބައިދޭނެ ތަނަކަށް. ގިނަ އިސްރަށްވެހިން މިތަނަށް އައިސް ޚިދުމަތް ހޯދުމަށް އެދެނެ. އުމުރުން ދުވަސްވުމުގެ ސަބަބުން އަމިއްލައަށް ނާދެވޭ މީހުންނަށް އެމީހުންގެ އާޢިލާ މީހުން މިތަނަނަށް ގެނެސްދިނުން އެދެނެ." އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައީޝަތު ޝިހާމް ވިދާޅުވިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަރުކަޒުން ހަފްތާއަކު 3 ދުވަހު ކަސްރަތު ޕްރޮގްރާމެއް ހިންގުމާއި ހަފްތާއަކު އެއް ފަހަރު ކޯޗުން އައްޔަން ކޮށްގެން ކެރަމް، ޗެސް، ޓޭބަލް ޓެނިސްފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ތައް ކުޅިވަރާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާގޮތަށް ހަމަޖައްސާފައިވާކަމަށެވެ. އަދި އެ ވުޒާރާއިން އިސްރަށްވެހިންގެ ތެރެއިން ކޯޗުންގެ ތަމްރީން ފުރިހަމަ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޒުވާނުން ބާރުވެރިކުރުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ނަފްސާނީ، ޖިސްމާނީ އަދި މާލީ ދުޅަހެޔޮކަން ތަރައްޤީ ކުރުމަށްޓަކައި އެކި ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އިސްރަށްވެހިންގެ ނާދީގައި ހައިޑްރޯ ތެރެޕީ، އިށީންދެގެން އިނދެ ކުރާ ކަސްރަތު އަދި ބެލެންސް ޓްރެއިނިން ކްލާސްތައް އައިޖީއެމްއެޗް އިން ގެންދިޔުމަށް ނިންމާފައިވާއިރު އެންސްޕާއަށް ހުށަހަޅަން ބޭނުންވާ ފޯމުތައް ފުރިހަމަކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެޚިދުމަތް ފޯރުކޮށްދިނުމަށް "ހެލްޕް ޑެސްކެއް" ވަނީ ޤާއިމްކޮށްފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ އިސްރަށްވެހިންގެ ނާދީގައި 'އޭޖްކެއަރ މޯލްޑިވްސް' އިން ކޮންމެ 3 މަހަކުން އެއްފަހަރު އިސްރަށްވެހިންގެ މެދުގައި ޚިޔާލުފާޅުކުރުމާއި، ތަޖުރިބާ ޚިއްސާކުރުމަށް އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމާއި ހެލްތް ސްކްރީނިންގ ސެޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

އެކިއެކި ވުޒާރާ ތަކުންނާއި އެސޯސިއޭޝަންތަކުން އިސްރަށްވެހިންގެ ނާދީގައި ތަފާތު ޙިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާއިރު މި ޙިދުމަތްތަކުގެ ސަބަބުން "އިސްރަށްވެހިންގެ ނާދީ" އަކީ ރައްޔިތުންނަށް ބޭނުންތެރި ޙިދުމަތްތަކެއް ލިބިގެންދާނެ ތަނަކަށް ވެގެންދިއުމަކީ އިޖްތިމާޢީ އަދި އާޢިލީ ވުޒާރާގެ އަމާޒެކެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "އުފާ ފޮޓޯ" މުބާރާތް އޮންލައިންކޮށް އިފްތިތާޙްކޯށްދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެ މަރުކަޒު ބައްލަވާލައްވާފައެވެ.