ޚަބަރު

އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 7000އަށްވުރެ ގިނަ ފަތުރުވެރިން


  • އަހަރުގެ މިހާތަނަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވޭ

  • މިއީ މިދިޔަ އަހަރަށްވުރެ 16.9 އިންސައްތަ އިތުރު އަދަދެއް

  • އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިން

އެވްރެޖްކޮށް ކޮންމެ ދުވަހަކު 7000އަށްވުރެ ގިނަ ފަތުރުވެރިން މިހާރު ރާއްޖެއަށް އަންނަ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓްސް ރިޕޯޓުގައިވާގޮތުން މިމަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 326،424 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 279،223 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 16.9 އިންސައްތަ އިތުރު އަދަދެކެވެ.

މަހުން މަހަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީމަހު ރާއްޖެއަށްވަނީ 192،385 ފަތުރުވެރިން އައިސްފައެވެ. އަދި މި މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް 134039 ފަތުރުވެރިން އައިސްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ވަކި ވަކި ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތަކަށް ބަލާއިރު، ބޮޑު ތަފާތަކާއެކު އެންމެ ކުރީގައި އުޅެނީ ޗައިނާއެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިޓަލީންނެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ޤައުމުތައް:

• ޗައިނާ - 47،185 ފަތުރުވެރިން
• އިޓަލީ - 31،039 ފަތުރުވެރިން
• ރަޝިއާ - 30،927 ފަތުރުވެރިން
• އިނގިރޭސިވިލާތް - 28،858 ފަތުރުވެރިން
• އިންޑިއާ - 22،555 ފަތުރުވެރިން

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން މިހާރު އެވްރެޖްކޮށް 7 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެއެވެ.

ސަރުކާރުން އަމާޒު ކޮށްފައިވަނީ މި އަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. މިހާރު ފަތުރުވެރިން ރާއްޖެއަށް އަންނަ ނިސްބަތަށް ބަލާނަމަ އެ ޢަދަދު 2.3 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.