ޚަބަރު

160 ރަށެއްގައި އިޢާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމްކުރަނީ


  • މިނިޒާމް ޤާއިމްކުރަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއެކު

  • އޭޑީބީގެ ދަށުން 20 މެގަވޮޓުގެ ސޯލަރ ޕީވީ 20 ރަށެއްގައި ޤާއިމްކުރާނެ

އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއެކު އިތުރު 160 ރަށެއްގައި އިޢާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމު ޤާއިމްކުރައްވާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ހަކަތައިގެ މަގުޗާޓު މުރާޖަޢާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްރަށުގައި އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ ނިޒާމުތައް ޤާއިމްކުރުމަށް އޭޝިޔަން ޑިވެލޮޕްމެންޓް ބޭންކާއެކު ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއިން އޭޑީބީއާއެކު ފަށާފައިވާ ޕްރިޕެއަރިން އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން 160 ރަށުގެ ކަރަންޓު އުފެއްދުމުގެ ނިޒާމު، ހައިބްރިޑް ކަރަންޓު އުފެއްދުމުގެ ނިޒާމަކަށް ބަދަލުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ނިޒާމުގެ ތެރެއިން އަވިން އުފައްދާ ހަކަތަ ބެޓެރީގައި ރައްކާކޮށްގެން ކަރަންޓު ދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިޢާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށް ރާއްޖޭގެ ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއެކު އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން. މިބޭންކާއެކު ކުރިއަށްގެންދާ ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން 160 ރަށެއްގައި ރިނިޔުބަލް ޕަވަރ އިންޓަގްރޭޓެޑް ހައިބްރިޑް ޕަވަރ ޖެނެރޭޝަން ސިސްޓަމް ޤާއިމްކުރެވޭނެ." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ޠާރިޤު އިބްރާހީމާއި އޭޑީބީގެ އެނަރޖީ ޑިރެކްޓަރ ވަނީ އެކްސެލެރޭޓިން ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިޔުބަލް އެނަރޖީ (އެޝުއަރ) ޕްރޮޖެކްޓުގެ ނަމުގައި އައު ޕްރޮޖެކްޓެއް އިފްތިތާޙްކޮށްފައެވެ. މިޕްރޮޖެކްޓުގެ ބޭނުމަކީ އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއަށް މީހުން އިންވެސްޓްކުރާ މިންވަރު އިތުރުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި ޕްރޮޖެކްޓުގެ ދަށުން 20 މެގަވޮޓުގެ ސޯލަރ ޕީވީއާއި 40 މެގަވޮޓު އަވަރސްގެ ބެޓެރި ސްޓޯރޭޖު ހިމެނޭ ބެޓެރި 20 ރަށެއްގައި ޤާއިމްކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކަރަންޓު އުފެއްދުމަށް ރާއްޖެއަށް ތެޔޮ އެތެރެކުރުމަށް ގާތްގަނޑަކަށް 750 މިލިޔަން ރުފިޔާ ދައުލަތުން ޚަރަދުކުރެއެވެ. މި ޚަރަދު ކުޑަ ކުރުމަށް މި ސަރުކާރުން ގެންދަވަނީ މުހިންމު ނިންމުންތަކެއް
ނިންމަވަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ މި ފަސް އަހަރު ނިމިގެންދާއިރު، ރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 އިންސައްތައަށް އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. މިހާރު ރާއްޖޭގައި އިޢާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓުގެ ނިސްބަތަކީ 4 އިންސައްތައެވެ.