ޚަބަރު

"އައު ޓަރމިނަލާއެކު، ދިވެހި އުފެއްދުންތައް އެއަރޕޯޓުގައި ވިއްކަން އިތުރު ފުރުޞަތު ލިބޭނެ"


  • ގޭގައި ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކަށް ޚާއްސަ ލޯގޯއެއްވަނީ ތަޢާރަފްކޮށްފައި

  • ޓާރމިނަލާއެކު އިތުރު ފަރާތްތަކަށް ތަކެތި ވިއްކުމުގެ ފުރުސަތު ފަހިވާނެ

  • މިހާރުވެސް ހުރި ދަތިތައް ހައްލުކުރުމަށް ދަނީ މަސައްކަތްކުރަމުން

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލާއެކު، ދިވެހި އުފެއްދުންތައް އެއަރޕޯޓުގައި ވިއްކުމަށް އިތުރު ފުރުސަތުތައް ލިބިގެންދާނެކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސައީދު މިހެން ވިދާޅުވީ އާމްދަނީ ހޯދުމަށް ގޭގައި އުފައްދާ ބަންދުކުރާ ކާބޯތަކެއްޗަށް ޚާއްޞަ ލޯގޯ އިފްތިތާޙްކުރުމަށް ބޭއްވި ހަފްލާގައެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބީސީސީން އިސްނަގައިގެން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމްއެފްޑީއޭއާ ގުޅިގެން އިފްތިތާހްކުރި "ހޯމް ބޭސްޑް ފުޑް ޕްރޮޑިއުސަރ ލޯގޯ" އަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެފްޑީއޭން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ފަރާތްތަކަށް ދިނުމަށް ނިންމާފައިވާ ލޯގޯއެކެވެ.

ލޯގޯ އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ސައީދު ވިދާޅުވީ ބީސީސީގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި އިތުރު ވިޔަފާރިތަކަށްވެސް ތަކެތި ވިއްކޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުންދާ ކަމަށެވެ.

"އޮތެންޓިކް މޯލްޑިވްސްގައި މިހާރު ލިސްޓުކުރެވޭ، ވިޔަފާރިތަކަށް ހުރި ލިމިޓޭޝަންސް ނައްތާލާ، އިތުރު ކުދި ވިޔަފާރިތަކަށް ބައިވެރިވެވޭނެ ފުރުސަތުތައް ހޯދައިދޭނަން،" ސައީދު ވިދާޅުވިއެވެ.

ވަޒީރު ސައީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާވެގެން ދިޔުމުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލްގެ ދައުރުބޮޑުކަމަށެވެ. އެގޮތުން އައު ޓާމިނަލާއެކު، އިތުރު ފްލައިޓުތައް ރާއްޖެއަށް ދަތުރުތައް ފަށާ، އިޤްތިޞާދީގޮތުން ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. އަދި މިޓާމިނަލާއެކު ރާއްޖޭގެ އުފެއްދުންތައް ވިއްކުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ޓަރމިނަލްގެ އެރައިވަލް ޑިޕާޗަރ ހޯލްގައި އިތުރަށް ތަކެތި ބެހެއްޓުމުގެ ފުރުސަތު ފަހިވެގެންދާނެ، މާރކެޓުކުރުމުގައިވެސް، ދުނިޔެއަށް ދިވެހި ޕްރޮޑަކްޓްސްތައް ނެރުމުގައިވެސް، މީ ފުރުސަތެއް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވަނީ، ގޭގައި ތިބެގެން ވިޔަފާރީގެ ބޭނުމަށް ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކުން ބީސީސީގެ ލޯގޯ ބޭނުންކުރުމަށް އެދިވަޑައިގެންފައެވެ. މިއާއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންނަށްވެސް މި ލޯގޯ ޖަހާފައިވާ އުފެއްދުންތަކާއި މެދު އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަތޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށްވެސް އޮންލައިންކޮށް ފަސޭހައިން މި ލޯގޯއަށް އެދި ހުށަހެޅޭނެ ކަމަށެވެ.