ޤައުމީ އެއަރލައިން މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް އޭޓީއާރު 2 މަތިންދާ ބޯޓު ހޯދުމާއި ގުޅޭ އެއްބަސްވުމުގައި އޭޓީއާރު ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިހާރު ސިންގަޕޫރުގައި ކުރިއަށްދާ އެއަރޝޯގެ ތެރެއިންނެވެ. އެއްބަސްވުމުގައި އައިލެންޑު އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސްއެވެ. މިރަސްމިއްޔާތުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވިއަންއަށް ގެނައުމަށް ނިންމާފައިވަނީ އޭޓީއާރު 42-600 މަރުކާގެ މަތިންދާ ބޯޓެވެ. އަލަށް ގެންނަ މަތިންދާ ބޯޓުތަކާއެކު މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ އޭޓީއާރު މަރުކާގެ ބޯޓުތަކުގެ އަދަދު 7އަށް އަރާނެއެވެ.
މިކަމާ ގުޅޭގޮތުން އޭޓީއާރުން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައިވަނީ މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ އޭޓީއާރު 42-600 މަރުކާގެ މަތިންދާ ބޯޓުތަކަކީ ތެލުގެ ޚަރަދުކުޑަ މަތިންދާ ބޯޓުތަކެއް ކަމަށެވެ.
🔴 Live from #SGAirshow2024 | @MaldivianAero has confirmed an order for 2 #ATR42-600, expanding their fleet to a total of 7 ATRs. 🛫✨ These additions will enhance reliable, low-emission, comfortable, and affordable #connectivity for the Maldives' vibrant communities and… pic.twitter.com/lvtk3cZ6tm
— ATR (@ATRaircraft) February 20, 2024
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މި މަތިންދާ ބޯޓުތައް މިއަހަރު ފަހުކޮޅު ރާއްޖެއަށް ގެނެވޭނެކަމަށެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ މޯލްޑިވިއަން އަށް ޒަމާނީ ބަދަލުތައް ގެނައުމަށް ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
Today, ordered an additional 2 brand new ATR 42-600. Expected delivery by the end of this year! Govt plan of modernizing the @MaldivianAero under the guidance of Prez @MMuizzu pic.twitter.com/xQa2LUNdVe
— Mohamed Ameen (@ameen3d) February 20, 2024
މޯލްޑިވިއަނުންދަނީ އެއެއަރލައިންގެ އުދުހުންތަކުގައި ވައިޑް ބޮޑީ އެއަރކްރާފްޓުތައްވެސް ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ވަނީ ބޮއިންގ 8-787 މަރުކާގެ މަތިންދާބޯޓެއް ހޯދަން އިއުލާންކޮށްފައެވެ.
ބޮއިންގ 8-787 މަރުކާގެ މަތިންދާބޯޓަކީވެސް ޒަމާނީ ސިފަތަކެއް ހިމެނޭ އަދި ތެލުގެ ޚަރަދު ކުޑަ މަތިންދާ ބޯޓެކެވެ. ޑްރީމްލައިނަރގެ ނަން ދީފައިވާ މި މަތިންދާ ބޯޓަކީ ދިގު ދަތުރުތަކަށް ގިނަ އެއަރލައިންތަކަކުން ބޭނުންކުރާ މަތިންދާބޯޓެކެވެ. ކުރިއަށް އޮތް 6 މަސް ތެރޭގައި މޯލްޑިވިއަން އެއަރލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް، އައު މަންޒިލްތަކަށް ދަތުރުފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.