ޚަބަރު

ވެރިކަމަކީ ޒިންމާއެއްގެ ގޮތުގައި ރައީސް ގެންދަވަނީ ސާބިތުކޮށްދެއްވަމުން: ޢަބްދުއްރަޙީމް


  • ޢަބްދުއްރަޙީމް ވިދާޅުވީ ވެރިކަންކުރުމުގައި ރައީސް ތަފާތު ދައްކަވާނެކަމަށް

  • ރައީސް އަބަދުވެސް އިސްކުރައްވަނީ ރައްޔިތުންގެ މަސްލަހަތުކަމަށް ވިދާޅުވި

  • ރައްޔިތުންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ސާބިތުވެ ތިބެންޖެހޭކަމަށް ވިދާޅުވި

ވެރިކަމަކީ ބޮޑު ޒިންމާއަކާއި މަސްއޫލިއްޔަތެއްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ސާބިތުކޮށްދެއްވަމުން ކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދުތަކަކީ ވޯޓު ހޯދުމުގެ ނިޔަތުގައި ވެވަޑައިގެންނެވި ވަޢުދުތަކެއް ނޫން ކަމަށެވެ. އެއީ އެކަންކަން ކޮށްދިނުމަށް ވެވަޑައިގެންނެވި ވަޢުދުތަކެއް ކަމަށެވެ. އަދި ކުރީ ސަރުކާރުތަކުން ފެނުނީ ދައުރު ހަމަވާން ގާތްވީމާ ވޯޓު ހޯދުމުގެ ނިޔަތުގައި މަޝްރޫޢުތަކުގައި ސޮއިކުރާ މަންޒަރުކަމަށާއި މިސަރުކާރުން ފެންނަނީ ދައުރުގެ ކުރީ ކޮޅު މަޝްރޫޢުތަކުގައި ސޮއިކުރަމުންދާ މަންޒަރު ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ވެރިކަމަކީ ލިބޭ ޝަރަފަކާއި ޢިއްޒަތާއި ލައްޒަތަށްވުރެ ބޮޑަށް ޒިންމާއަކާއި މަސްއޫލިއްޔަތެއްކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. މިއަދު ފެންނަ މަންޒަރުތަކުން ރައީސް ޑރ. މުޢިއްޒު މިކަން ސާބިތުކޮށްދެއްވަމުން އަންނަ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"ރައީސް ޑރ. މުޢިއްޒު ވެރިކަމުގައި ހުންނެވީ ޢިއްޒަތަކާއި ލައްޒަތަކާއި ޝަރަފަކަށްޓަކައެއް ނޫންކަމަށް ހުވާކުރުމުގެ ކުރިން އެމަނިކުފާނު ވިދާޅުވި. ރައީސް ވިދާޅުވީ ވެރިކަމަކީ ހަވާލުކުރެވޭ އަމާނާތަކާއި ހަވާލުކުރެވޭ ޒިންމާއެއްކަމަށް. އެކަން މިއަދު ޑރ. މުޢިއްޒު ސާބިތުކޮށްދެއްވަމުން ގެންދަވަނީ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ރައްޔިތުންނަށްޓަކައި ރައީސް ދެކެވަޑައިގެންނެވި ހުވަފެންތައް ޙަޤީޤަތަކަށް ހެއްދެވުމަށް ރައީސާއެކު އެއްބައިވަންތަކަމާއެކު ރައްޔިތުން ސާބިތުވެ ތިބެން ޖެހޭކަމަށެވެ. އަދި ރައީސްއާ ދެކޮޅަށް އެކި ފަރާތްތަކުން ދައްކާ ޙަޤީޤަތެއް ނެތް ވާހަކަތަކަށް ރައްޔިތުން ސަމާލުވެތިބުމަށް ޢަބްދުއްރަޙީމް އިލްތިމާސް ކުރެއްވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް އިސްކުރައްވަނީ ރައްޔިތުންގެ މަސްލަހަތު ކަމަށެވެ. އެގޮތުން މިދިޔަ ސަރުކާރުގައި ފައިސާ ނުލިބިގެން މަސްވެރިން އިހުތިޖާޖުކުރުމުން ފޮނުވީ އެސްއޯ ފުލުހުންކަމަށާއި، ނަމަވެސް ރައީސް ޑރ. މުޢިއްޒު ފޮނުއްވެވީ މަސްވެރިކަމާ ބެހޭ ވަޒީރު ކަމަށެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރާއްޖެއަށް ތަރައްޤީ ގެނައުމުގައި ތަފާތު ދައްކަވާނެކަމަށާއި ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހައްދަވާދެއްވާނެ ކަމަށެވެ. ވާހަކަދެއްކެވުން ނިންމަވާލައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ރައީސްގެ ޢަޒުމަށް ވަރުބަލިކަމެއް ލޮޅުމެއް ނާންނާނެކަމަށާއި، ހެޔޮ ނިޔަތުގައި ޚާލިސްކަމާއި ސާބިތުކަމާއެކު ހުންނަވާނެ ކަމަށެވެ. އަދި ރައްޔިތުންވެސް ތިއްބަވަންވީ މި ޢަޒުމުގައި ރައީސްއާއެކު ސާބިތުވެކަމަށް ވިދާޅުވިއެވެ.