ޚަބަރު

ރައީސްގެ ވައުދާއި އެއްގޮތަށް ސަރފް ބޯޑުން ނަގާ ފީ ކުޑަކޮށްފި


  • ބޮޑެތި ކަނދުތަކުން ނަގާ ފީ 33 އިންސައްތަ ވަނީ ކުޑަކޮށްދީފައި

  • ކުދި ކަނދުން ނަގާ ފީ 66 އިންސައްތަ ވަނީ ކުޑަކޮށްދީފައި

ރާޅާ އެޅުމަށް ބޭނުންކުރާ ސަރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފްތާގައި ވެވަޑައިގެންނެވި ވައުދު ފުއްދަވައިފިއެވެ

ސަރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ބޮޑުކަމުގެ ޝަކުވާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅުއްވާފައިވަނީ މިދިޔަ ހަފްތާގައި އެ މަނިކުފާނު ދެކުނުގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިދިޔަ ހަފްތާގައި ދެކުުނުގެ 4 އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން އަޅައިގަތް އެއް ކަމަކީ ރާޅާ އެޅުމަށް ބޭނުންކުރާ ސަރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ބޮޑުވެގެން އެ ޝަކުވާ ޒުވާނަކު ރައީސަށް ހުށަޙެޅުއްވުމެވެ.

ރާޅާއެޅުމުގެ ހަރަކާތްތައް ހިންގުމުގައި އުޅޭ ގދ. ގައްދޫ، ފެހިވިނަ، އަޙްމަދު ރަޝީދު "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި ރައީސަށް ދެންނެވި ސަރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ބޮޑުކަމަަށެވެ. އަދި ފީ ބޮޑުކަމުން ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ދަތިތަކެއް ކުރިމަތިވާކަމަށްވެސް އަހުމަދު ރަޝީދު ރައީސަށް ދެންނެވިއެވެ.

ކަންބޮޑުވުމާއެކު އަހުމަދު ރަޝީދު ދެންނެވި ސުވާލަށް ހަމަ އެވަގުތު ވަނީ ރައީސުލްޖުމްހޫރިއްޔާ ވަނީ އުއްމީދީ ޖަވާބެއް ދެއްވާފައެވެ. ސަރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ބޮޑުކަން ޤަބޫލުކުރައްވާކަން ފާހަގަކުރައްވަމުން، އަހުމަދު ރަޝީދަށް ރައީސް ދެއްވީ، ސަރފް ބޯޑު އުފުލުމަށް ނަގާ ފީ ކުޑަކުރައްވާނޭކަމުގެ ޔަގީންކަމެވެ.

ސަރފް ބޯޑު އުފުލުމަށް ޤައުމީ އެއަރލައިނުން ނަގާ ފީ ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ފުއްދެވުމަށް މާ ގިނަ ދުވަހެއް ނުންނަގަވައި، އެ ވައުދު މިހާރު ފުއްދަވައިދެއްވާފައެވެ. އެގޮތުން ރާޅާ އެޅުމަށް ބޭނުންކުރާ ކަނދުން ނަގާ ފީ ކުޑަކުރުމަށް ނިންމައި، ޤައުމީ އެއަރލައިނުން މިހާރު ވަނީ އެކަން އިއުލާންކުރައްވާފައެވެ.

ޤައުމީ އެއަރލައިނުން ބުނީ ރާޅާ އަޅާ ކަނދުގެ ތެރެއިން ބޮޑެތި ކަނދު ތަކުން ނަގާ ފީ 33 އިންސައްތަ ކުޑަކޮށްފައިވާކަމަށެވެ. އަދި ކުދި ކަނދުން ނަގާ ފީ 66 އިންސައްތަ ކުޑަކޮށްފައިވާކަމަށްވެސް ޤައުމީ އެއަރލައިނުން ބުނެއެވެ.

އާއްމުންގެ ފަރާތުން ހުށަހަޅާ ކަންބޮޑުވުންތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އަވަސް ހައްލުތައް ހޯއްދަވައިދެއްވާތީ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަން ފާހަގަކުރަމުންނެވެ. އަދި ރައްޔިތުންގެ ޝަކުވާއާއި ސުވާލުތަކާއި ކަންބޮޑުވުންތައް ހުށަހެޅޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖައްސާފައިވާތީ އެކަަންވެސް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.