ޚަބަރު

ހުޅުމާލޭ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުޞަތު ހުޅުވާލައިފި


  • ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ބީލަމުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް

  • ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 13ވަނަ ދުވަހު

  • މިފަހަރު ދޫކުރަން ހަމަޖެހިފައިވަނީ 73.33 އަކަފޫޓުގެ 11 ގޮޅި

ހުޅުމާލޭ ރަށު މާރުކޭޓުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުޞަތު ހައުންސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ގޮޅި ކުއްޔަށް ދޫކުރެވޭނެ ފަރާތެއް ކަނޑައަޅާނީ ބީލަން ހުށައަޅާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގު ހުށައަޅާ ފަރާތަކަށް ކަމަށެވެ. އަދި ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަރޗް މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ބީލަން ހުޅުވުން އޮންނާނީވެސް ހަމަ އެ ދުވަހުކަމަށާއި ގޮޅި އިޚްތިޔާރުކުރުން އޮންނާނީ މާރޗް މަހުގެ 20 ވަނަ ދުވަހު ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އެޗްޑީސީން ބުނީ މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވަނީ 73.33 އަކަފޫޓުގެ 11 ގޮޅި ކަމަށެވެ. އަދި ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތަކަށެވެ. މި ގޮޅިތަކުގެ ބީލަން ފެށޭ އަގަކީ މަހަކު 3،500 ރުފިޔާއެވެ.

ބީލަމަށް ފޯމު ހުށައަޅާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:

• ދިވެހި ރައްޔިތެއްކަމުގައިވުން ނުވަތަ ރަޖިސްޓަރކޮށްފައިވާ ވިޔަފާރިވެރިއެއްކަމުގައިވުން
• މީލާދީގޮތުން 18 އަހަރު ފުރިފައިވުން
• ރަށު މާރުކޭޓުން ގޮޅިއެއް ކުއްޔަށް ހިންގުމުގެ އެއްބަސްވުމެއްގައިވާ ފަރާތެއްކަމުގައި ނުވުން
• އެޗްޑީސީއަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާ ހުރި ފަރާތެއްކަމުގައި ނުވުން

އެޗްޑީސީން ބުނީ ރަށު މާރުކޭޓުން ގޮޅިއެއް ކުއްޔަށް ހިފުމުގެ ފުރުޞަތު ލިބިފައިވާކަން އަންގާ ސިޓީ ފޮނުވާ ތާރީޚުން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި ލީސް ޑިޕޮސިޓުގެ ގޮތުގައި 3 މަސް ދުވަހުގެ ކުލި ދައްކަންވާނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ރަސްމީ 7 ދުވަސް ތެރޭ ގޮޅި ހަވާލުކުރެވޭނެކަމަށް ވެސް އެކޯޕަރޭޝަނުން ބެނެއެވެ.

ގޮޅިއަށް ބީލަން ހުށައެޅުމަށް، ހުށައަޅަންޖެހޭ ފޯމާއި އިތުރު މަޢުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ.