ޚަބަރު

އަމުރަށް ނުކިޔަމަންތެރިވެ، ފުލުންނަށް އިންޒާރުދިން ބަޔަކު ހައްޔަރުކޮށްފި


  • ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ވަނީ ގޭބަންދަށް ދޫކޮށްލާފައި

  • ފުލުހުން އަންނަނީ އިތުރަށް ކުރަންޖެހޭ ތަހުގީގުތައް ކުރަމުން

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަށް އިންޒާރުދިން މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ ޤަވާއިދާއި ޚިލާފަށް ހުޅުމާލޭގައި މިމަހުގެ 11 ވަނަ ދުވަހު ނުރައްކާތެރިކޮށް ސައިކަލް ދުއްވި މައްސަލައަކާއި ގުޅިގެން ހުއްޓުވުމުން، ފުލުހުންނަށް އިންޒާރުދިން ބައެއްކަމަށެވެ. އެގޮތުން ސައިކަލް ދުއްވި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން މަސައްކަތް ކުރުމުން ފުލުހުންގެ މަސައްކަތަށް ހުރަސްއަޅާ އެސަރަހައްދުގެ އާންމު މަސްލަހަތު ގެއްލޭ ގޮތަށް އެތަނުގައި މަސައްކަތްކުރި ފުލުހުންނާއި ފުލުހުންގެ އާއިލާއަށް އޭނާ ވަނީ އިންޒާރު ދީފައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން އެކި ދުވަސްމަތިން ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އުމުރުން 21 އަހަރުގެ ދެމީހަކާއި 24 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ މީހެކެވެ.

ފުލުހުން ވިދާޅުވީ އޭގެ ތެރެއިން 3 މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެކެއްގެ ބަންދަށް 2 ދުވަސް އަދި ދެ މީހެއްގެ ބަންދަށް 10 ދުވަސް ކޯޓުން ދީފައިވާކަމަށެވެ. އަދި ލ.ގަމުން ހައްޔަރު ކުރި މީހާ ގަމު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަކަށް ގެއިން ނުނިކުމެވޭ ގޮތަށް ޝަރުތުކޮށް ކަފާލާތުގެ ދަށުން އެހެން މީހަކާއި ޖާމިނުކުރުމަށްފަހު އޭނާ ވަނީ ދޫކޮށްލާފައެވެ.