ޚަބަރު

އެއްމަސް ތެރޭގައި ފުރަތަމަ ފަހަރަށް ރާއްޖެއަށް 2 ލައްކަ ފަތުރުވެރިން


  • މިމަހު 26ގެ ނިޔަލަށް 200004 ފަތުރުވެރިން އައިސްފައިވޭ

  • މިދިޔަ އަހަރުގެ ފެބްރުއަރީ އާއި އަޅާ ބަލާއިރު 19.9 އިންސައްތަ އިތުރު

  • އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިން

ފުރަތަމަ ފަހަރަށް އެއް މަސް ދުވަސްތެރޭ ރާއްޖެއަށް 2 ލައްކަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 200،004 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 166،762 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 19.9 އިންސައްތަ އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދުވަނީ 4 ލައްކައާއި ގާތްކޮށްފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 392،389 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 339،261 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 15.7 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް

ޗައިނާ : 52،702 ފަތުރުވެރިން
ރަޝިއާ : 37،877 ފަތުރުވެރިން
އިޓަލީ : 37،393 ފަތުރުވެރިން

ރެކޯޑު އަދަދަކަށް މިމަހުގެތެރޭ ރާއްޖެއަށް ފަތުރުވެރިން އައިސްފައިވާއިރު، މި ފެބްރުއަރީމަހަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ފާހަގަކޮށްލެވޭނެ މަހެކެވެ. އެގޮތުން މިމަހުގެ 10 ވަނަ ދުވަހު ރާއްޖެއަށް 10213 ފަތުރުވެރިން އައިސްފައިވާއިރު، މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއް ދުވަސްތެރޭ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އަދި މިހާރު ފަތުރުވެރިން ރާއްޖެއަށް އަންނަ ނިސްބަތަށް ބަލާއިރު އެ ޢަދަދު 2.3 މިލިއަނަށް އަރާނެކަމަށް ލަފާކުރެވޭކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި އަމާޒުތައް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް، ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.