މާލޭގެ މަގުމަތީގައި ހުރި ރަޖިސްޓްރީ ނުކުރާ އެއްގަމު އުޅަނދުތައް ނަންގަވާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގައި ވާހަކަ ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދު ކޮމިޓީގައި ވާހަކަ ދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ރާއްޖެއަށް ޚާއްސަކޮށް މާލޭގައި އެއްގަމު އުޅަނދު މަދުކުރުމަށް ކުރައްވާ މަސައްކަތްތައް ހާމަކުރައްވާފައެވެ. އެގޮތުން އެ ވުޒާރާއިން 11 ކަމެއް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އޭގެތެރެއިން ބައެއް މަސައްކަތް ފަށްޓަވާފައިވާކަމަށާއި އެގޮތުން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީކުރުން ނިމުމަކަށް ގެނައުމަށް މަސައްކަތާއި، ދުވަސްވީ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް ފަށްޓަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ ރަމަޟާން މަސް ފެށުމުގެ ކުރިން މާލޭގެ މަގުތަކުގައި ރަޖިސްޓްރީ ނުކޮށް ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރުމަށް އަމާޒު ހިފާފައިވަކަމަށެވެ. އަދި އެއުޅަނދުތައް ނެގުމަށްފަހު އެއްތަނެއްގައި ބެހެއްޓުމުގެ ވިސްނުން ގެންގުޅުއްވާކަމަށާއި މާލޭގެ މަގުތައް ރައްކާތެރި ތަނަކަށް ހައްދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން މާލޭގައި ވެހިކަލްތައް މަދުކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން އެއްގަމު އުޅަނދުތައް އަނބުރާ ގަތުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން "ވެހިކަލް ބައިބެކް" ޕްރޮގްރާމެއް އަންނަ އަހަރު ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރުމަށްޓަކައި ކުރިއަށް އޮތް 2 އަހަރަށް ޚާއްސަކޮށްގެން 500 މިލިޔަން ރުފިޔާގެ ބަޖެޓެއް ހަމަޖެއްސެވުމަށް ކެބިނެޓަށް ހުށައަޅުއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
" މިއީ އޮސްޓްރޭލިއާ ސިންގަޕޫރް ފަދަ ޤައުމުތަކުން މީގެ 12 ވަރަކަށް އަހަރު ކުރިން ކޮށްފައިވާ ކަމެއް. ޒުވާން ކުދިންތަކެއް ހަދާފައިވާ ދިރާސައިން %18 އާއި %22 ވެހިކަލް އޮންދަ ސްޕޮޓްގައި ވެލުއޭޝަން ހަދާފައި ފައިސާ ދޭކަމުގައި ވަނީނަމަ ދޫކޮށްލާ. އެގޮތަށް ކަނޑައެޅުމުން މިހާރު އޮތް ހާލަތު އިތުރަށް ގޯސް ވިޔަ ނުދީ ހިފެހެއްޓޭނެ." ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރު ތެރެއިން ވަކި ޑިޕާޓްމަންޓެއް އުފައްދަވާނެކަމަށެވެ. އަދި އެ ޕްރޮގްރާމް ކުރިއަށް ނުގެންދެވޭނަމަ އެފަދަ ވެހިކަލްތައް ބައު ދަނގަޑަށް ބަދަލުކޮށް ނުވަތަ ރީ އެކްސްޕޯޓް ކުރައްވާނެކަމަށެވެ.
މީގެ ކުރިން ދުވާލެއްގެ މައްޗަށް އެތައް ވެހިކަލެއް ރަޖިސްޓްރީ ކުރެވެމުން ދިޔަ ނަމަވެސް، މިހާރު އެ އަދަދު ވަރަށް ބޮޑަށް ދަށްކުރެވިއްޖެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މާލެ ސިޓީއަށް ދިމާވެފައި އޮތް ވެހިކަލް ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް ދެން އެންމެ މުހިންމު ކަމަކީ މަލްޓިސްޓޯރީ ޕާކިން ބިލްޑިން ގާއިމްކުރުން ކަމަށެވެ.