ޚަބަރު

ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓޭނީ ޤައުމިއްޔަތު ދަމަހައްޓައިގެން: ވަޒީރު


  • ދިވެހިންގެ އުޅުންތަކާއި ދިވެހިންގެ ދީން ސަލާމަތްކުރެވޭނީ ޤައުމިއްޔަތު ދަމަހައްޓާގެން

  • ތާރީޚުގައި ދިމާވި ކޮންމެ ކާރިސާއަކުން ދިވެހިން އަރައިގަތީ އެއް ބަޔެއްގެ ގޮތުގައި ތިބެގެން

މިއަދަކީ ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމުގެ ދުވަހެވެ. ޤައުމިއްޔަތު ދިރުވާ އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް މާރޗް މަހުގެ 6 ވަނަ ދުވަހެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި ޤައުމިއްޔަތަކީ ޤައުމެއްގެ އަސްލުތަކާ ސަލާމަތް ދިފާޢުކުރުމަށް ޓަކައި އެ ޤައުމެއްގެ ބަޔަކު ކުރާ ވަކާލާތެކެވެ. މި ދަންނަވާ ޤައުމުގެ އަސްލުތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ދިވެހިންގެ ދީނާއި ދިވެހިންގެ ބަހާއި ދިވެހިންގެ ސަގާފަތާއި ދިވެހިންގެ އާދަކާދައާއި ދިވެހިންގެ ތާރީޚު ހިމެނެއެވެ.

މި ހުރިހާ އަސްލެއްވެސް ގޮސް ގުޅިލާމެހެނީ ޤައުމީވަންތަކަމުގެ ލޯތްބާއެވެ. އެ ބަޔަކު އުފަންވި ފަސްގަނޑަށްކުރާ ޤަދަރަކާއި އިޙްތިރާމަކާއެވެ. އެ ބަޔެއްގެ ވަޒަނަށް ކުލުނު ހުންނަނަމަ އެ ބަޔެއްގެ ވަޒަން އެބަޔަކު ހިމާޔަތްކޮށް ސަލާމަތްކުރާނެއެވެ.

ޤައުމިއްޔަތު ދިރުވާ އާލާކުރާ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ދިވެހިބަހާ ސަގާފީ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ޤައުމެއް ދެމެހެއްޓުމަށްޓަކައި ޤައުމިއްޔަތަކީ ކޮންމެހެން ދިރުވަންޖެހޭ އެއްޗެއް ކަމަށެވެ. އަދި ދިވެހިންގެ ކިބައިގައި ވަނީ އެއް ހަނދާންތަކެއްކަމަށާއި ދިވެހިންނަކީ އެއްބައެއްގެ ގޮތުގައި ތިބި ޢާއިލާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިކަންކަން އަންނަން އޮތް ޖީލުތަކަށް އެނގުމަކީ މުހިންމު ކަމެއް ކަމަށެވެ.

ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ޒަމާންވީ ތާރީޚަށް ބަލައިފިނަމަ ދިމާވި ކޮންމެ ދައްޗަކުން ދިވެހިން އަރައިގަތީ އެއް ބައެއްގެ ގޮތުގައި ޤައުމީ ރޫޙެއްގައި ތިބެގެން ކަމަށެވެ. އެގޮތުން ދިވެހިންނަށް ކުރިމަތިވި ބޮޑު ތަދާއި ބޮޑު ރޯގާއާއި ބޮޑު ވިއްސާރައިން ދިވެހިން އަރައިގަތީ ޤައުމީވަންތަކަމާއި، އެއްބައިވަންތަކަން އިސްކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޤައުމަށް ޢަދާވާތްތެރިވި ކޮންމެ ބަޔެއްގެ އަތުން ދިވެހިން، ދިވެހިންގެ ޤައުމު ސަލާމަތްކުރީ ވެސް ޤައުމިއްޔަތު އިސްކޮށް ޤައުމަށް އޮތް ލޯތްބެއްގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ ޤައުމިއްޔަތު ދަމަހައްޓަންޖެހެނީ ދިވެހިންގެ ދީނާއި އުޅުންތަކަށް ރައްކާތެރިކަމާއި އަމާންކަން ގެނެސްދޭތީ ކަމަށެވެ. ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ދެމެހެއްޓޭނީވެސް ޤައުމިއްޔަތު ދަމަހައްޓައިގެން ކަމަށް ވިދާޅުވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމިއްޔަތު ދަމަހައްޓާ ދިރުވުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވާ ސަބަބަކީ އެއީ ކަމަށްވެސް ވަޒީރު އާދަމް ނަޞީރު ވިދާޅުވިއެވެ.

"ރައީސް މިހާ ބޮޑު ސަމާލުކަމެއް ޤައުމިއްޔަތު ދެމެހެއްޓުމަށް ދެއްވަނީ ދިވެހިންގެ ސަލާމަތަށްޓަކައި. ދިވެހިންގެ ސަލާމަތް، ދިވެހިރާއްޖޭގެ ސަލާމަތް، ދިވެހިންގެ މިނިވަންކަން، ދިވެހިންގެ އަމިއްލަވަންތަކަން، ދިވެހިންގެ ދެމިތިބުން ދެމެހެއްޓޭނީ ޤައުމިއްޔަތު ދަމަހައްޓައިގެންކަމަށް ވާތީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދިވެހިންނަކީ އަމިއްލަވަންތަ ޤައުމިއްޔަތެއް އޮތް ބައެއްކަމަށްވާއިރު، ދިވެހިންނަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާއި ރާއްޖޭގެ ހިމޭން ގޮނޑުދޮށްތަކަށް މުގުރަމުން ހޮޅިލަމުން މާކަނޑުން އުފުލެނީ ކޮންކަހަލަ ރާޅެއްކަން ދިވެހިންނަށް އެނގެންޖެހޭ ކަމަށާއި، ލާންވި ތޮށިގަނޑެއްގެ ބޯމިނާއި އުސްމިން އެނގޭނީ އޭރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ގިނަ ކަންކަން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ލޯބި އަށަގެންނެވުމުގެ ގޮތުން ކިޔެވުމުގެ ދަންފަޅި ފަށާއިރު ޤައުމީ ސަލާމުން ފެށުމަށް ވަނީ ނިންމަވާފައެވެ. އަދި ޤައުމިއްޔަތުގެ ކޮލެޖަކާއި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒެއް އުފެއްދެވުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.